ލުތުފީ ގެންނަން މަދުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް: ހޯމް މިނިސްޓަރު އިމްރާން

ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރިޔާ، ހއ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް މަދުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމުގައި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއ...

08 Jul 2019 | 05:43

ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރިޔާ، ހއ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް މަދުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމުގައި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުގެ މައްސަލައިގާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރު ކުރުމުންނެވެ.

މި މައްސަލައިގާ އިމްރާނާ ސުވާލުކުރަން ހުށަހެޅީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ސުވާލަކީ ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް އެބަ ކުރޭތޯ އެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ މިކަމުގައި ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުން ހޯދަން ޖެހޭ ލިޔުން މިހާރު ލިބިފައިވާކަމަށާއި ނަމަވެސް މިހާރު މަދުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީން ހޯދަން ޖެހޭ ލިޔުމެއް ކަމަށެވެ. އެ ލިޔުން ލިބުމާއެކު ލުތުފީ ގެންނާނެ ކަމަށް އިމްރާންވިދާޅުވިއެވެ.

ފާއިތުވި ނުވަ އަހަރު ލުތުފީ ލަންކާގައި އުޅެފައިވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން އިއްވި ޖަލު ހުކުމުން އެއްބައި ފުރިހަމަ ކުރުމަށްފަހު، ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލައިގެންނެވެ.

އިމްރާން މިއަދު އިތުރަށް ވިދާޅުވީ ލުތުފީ އަމާން ދީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިއުމުން، ދެ ދުވަސް ތެރޭގައި ރާއްޖެ ގެނެވޭނެ އިންތިޒާމު އޭރު ހަމަޖެއްސިއެވެ. ނަމަވެސް އެ ދުވަސްކޮޅަކީ ލަންކާގައި ބޮން ގޮއްވި ދުވަސްކޮޅު ކަމުން ފުރިހަމަ ހުއްދަ ތަކާއި ނުލާ ރާއްޖެ ގެނެސްފިނަމަ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.

ލުތުފީގެ އުމުރު ދުވަހުގެ ޖަލު ހުކުމުން ތަންފީޒު ކުރެއްވީ 21 އަހަރެވެ. ބާކީ ހަތަރު އަހަރު އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް