“އީކޯ ނައިފަރު 5 ކޭ ރަން” އީދު ބަންދުގައި ދުވެލަން ރަނގަޅު

ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އީކޯ ޔޫތުން މިއަހަރުގެ ބޮޑު އީދު ބަންދާއި ދިމާކޮށް އޮގަސްޓް ނުވަ ވަނަ ދުވަހު އެރަށުގައި ފަސް ކިލޯ މީޓަރުގެ ދުވުމެއް ބާއްވަން ނިންމައި، ބައިވެރި ވުމުގެ ފުރުސަތ...

08 Jul 2019 | 05:15

ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އީކޯ ޔޫތުން މިއަހަރުގެ ބޮޑު އީދު ބަންދާއި ދިމާކޮށް އޮގަސްޓް ނުވަ ވަނަ ދުވަހު އެރަށުގައި ފަސް ކިލޯ މީޓަރުގެ ދުވުމެއް ބާއްވަން ނިންމައި، ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ދުވުން އިންތިޒާމްކުރާ އީކޯ ޔޫތްގެ ފަރާތުން މައުލޫމާތު ދިންގޮތުގައި ރަޖިސްޓްރޭޝަން ފޯމް ނައިފަރުން ނަމަ އީކޯ ޔޫތު އޮފީހުންނާ، 'އެސްޕެކްޓް' ފިހާރަ އާ، 'ތިން ޝީނު' ފިހާރައިން ލިބެން ހުންނާނެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުން ފަރާތްތަކަށް ރަޖިސްޓްރޭޝަން ފޯމް ޖަމިއްޔާގެ ފޭސްބުކް ޕޭޖް އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެޖަމިއްޔާގެ ފަރާތުންވަނީ ބުނެފައެވެ. ފުރިހަމަކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމްއާ، އައިޑީ ކާޑު ފޮޓޯ އާއެކު 100ރ ގެ އެޕްލިކޭޝަން ފީ ޓްރާންސްފަރ ކުރުމަށްފަހު، 7944015 އަށް ވައިބަރ ކުރުމުން ނުވަތަ [email protected]  އަށް މެއިލް ކުރުމުން ރަޖިސްޓަރ ކުރެވޭނެ ކަމަށް ޖަމިއްޔާގެ ފަރާތުން ވަނީ މައުލޫމާތުދީފައެވެ. މިދުވުމުގައި ބައިވެރިވުމުގެ ސުންގަޑި އަކީ އޮގަސްޓް އެއް ވަނަ ދުވަހެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއަކުން ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ނޭޝަނަލް ކެޓަގަރީ، އެޓޯލް ކެޓަގަރީ، 45 އަހަރުން މަތީގެ ކެޓަގަރީ އަދި ސްކޫލް ކެޓަގަރީގައި 13 އަހަރުން ދަށާ، 13 އަހަރުން މަތީގައި ބައިވެރި ވުމުގެ ފުރުސަތު ދުވުންތެރިންނަށް ވަނީ ހުޅުވައިލައިފައެވެ.

މާލެ އިން މި ދުވުމުގައި ބައިވެރިވުމަށް ނައިފަރަށް ދަތުރުކުރާ ފަރާތްތަކަށް ޙާއްސަކޮށް އޮގަސްޓް 8، 9  އަދި 10 ގައި މާލެ-ނައިފަރު-މާލެ ލޯންޗް ފެރީ ދަތުރު އޮންނާނެ ކަމަށާ، އެކޮމަޑޭޝަން ބޭނުންވާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމުގައި ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެފަރާތުންވަނީ މައުލޫމާތުދީފައެވެ.

5 ކިލޯ މީޓަރު ދުވުމުގެ އިތުރުން ބޮޑު އީދާއި ދިމާކޮށް ކުޅިވަރުގެ އިތުރު ހަރަކާތްތަކެއް ހިންގުމަށް އެޖަމިއްޔާއިން ވަނީ ތައްޔާރުވެފައެވެ. އެގޮތުން ކުލަޕެޓީ ފައިގަ ތަޅާ، މާލި މުބާރާތް، ވާދެމުން، ރިލޭ ރޭސް، ވީރު، މިކްސްރޭސް ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް ޖަމިއްޔާގެ ފަރާތުން ވަނީ މައުލޫމާތުދީފައެވެ.

ނައިފަރު އީކޯ ޔޫތް އަކީ ކުޅިވަރު މުބާރާތްތަކާއި، މީހުން ބިނާކުރުމުގެ ކޯސްތަކުގެ އިތުރުން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މ. އަތޮޅު ކައުންސިލްގެ އެދުމުގެ މަތިން އެއަތޮޅު ސްކޫލް ކުދިންނަށް ޕެޓް ބޮޓޮލްގައި ގަސް އިންދައި، ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްއެއް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް