ނެދެލޭންޑްސް ބަލިކޮށް އެމެރިކާއިން ވޯލްޑް ކަޕްގެ ތަށި ދިފާއުކޮށްފި

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލްގައި ރޭ ނެދަލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އަންހެން ޓީމުން ތަށި ދިފާއު ކޮށްފިއެވެ. އެމެ...

08 Jul 2019 | 03:49

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލްގައި ރޭ ނެދަލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އަންހެން ޓީމުން ތަށި ދިފާއު ކޮށްފިއެވެ.

އެމެރިކާއިން އަނެއްކާ ވެސް އަންހެން ވޯލްޑް ކަޕްގެ ތަށި ހޯދިއިރު، މިއީ އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. މީގެ 4 އަހަރު ކުރިން 2015 ވަނަ އަހަރު ޖަޕާން ބަލިކޮށް އެމެރިކާއިން ތަށި އުފުލާލިއިރު، އެ ގައުމުން ވަނީ 1991 އަދި 1999 ވަނަ އަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފައެވެ. މިއާއެކު އެމެރިކާ ވެފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަށެވެ. ދެން އެންމެ ގިނައިން ވިމެންސް ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ ޖަރުމަނަށް 2 ތަށި ލިބިފައިވާއިރު، ނޯވޭ އަދި ޖަޕާނަށް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 1 ފަހަރުއެވެ.

ރޭގެ ފައިނަލުން މޮޅުވެ ޖެހިޖެހިގެން 2 ވަނަ ފަހަރު އެމެރިކާއިން ތަށި އުފުލާލިއިރު، އެ ގައުމުން މި ވިމެންސް ވޯލްޑް ކަޕްގައި އެހެން ރެކޯޑެއް ވެސް ހަދާފައެވެ. ވިމެންސް ވޯލްޑް ކަޕްގައި (2015 ގެ މުބާރާތުން ފެށިގެން) އެމެރިކާއިން ބަލިނުވެ މިހާރު ވަނީ 12 މެޗު ހަމަކޮށްފައެވެ. މިއީ ފީފާ ވޯލްޑް ކަޕް (އަންހެން އަދި ފިރިހެން) ގެ ތާރީޚްގައި ވެސް އެހެން ގައުމަކަށް އަދި ނުހެދޭ ރެކޯޑެކެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަރުގަދަ ކުޅުމެއް ކުޅެ ނެދަލޭންޑްސްގެ ގޯލަށް ނުރައްކާކުރިއިރު، ނެދަލޭންޑްސް ފެނުނީ ޑިފެންސިވް، ކައުންޓަރ އެޓޭކިންގ ގޭމެއް ކުޅުނުތަނެވެ. ފުރަތަމަ ހާފުގައި ނެދަލޭންޑްސް ކޮޅަށް ލަނޑެއް ވަނަ ނުދީ ސަލާމަތްކޮށްދިނީ އެ ޓީމުގެ ގޯލް ކީޕަރ ސާރީ ވެން ވީނެންޑާލް އެވެ.

ދެ ވަނަ ހާފު ފެށިގެން މެޗުގެ 61 ވަނަ މިނިޓުގައި އެމެރިކާއަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން މޭގަން ރެފީނޯއެވެ. މިއީ އެމެރިކާގެ ފޯވާޑް އެލެކްސް މޯގަންއަށް ނެދަލޭންޑްސްގެ ޑިފެންޑަރ ވެން ޑާ ގްރެޓް ކުރި ފައުލް އަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެންމެ ފުރަތަމަ ޕެނަލްޓީއެއް ނޫންކަމަށް ނިންމުމަށްފަހު، ވީއޭއާރ ރިވިޔުއިން ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ.

ފުރަތަމަ ލަނޑު ޖެހިތާ މާކަ ގިނައިރުތަކެއް ނުވެ އެމެރިކާއިން ވަނީ އިތުރު ލަނޑެއް ޖަހާ ހިތްހަމަޖެހުން ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ރޯސް ލެވިލް އެވެ.

މި ފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޫޓް ވެސް ހާސިލްކުރީ އެމެރިކާގެ ފޯވާޑް މޭގަން ރެފީނޯއެވެ. އޭނާ ވަނީ 6 ލަނޑު ޖަހާ 3 އެސިސްޓް ހަދާފައެވެ. ރެފީނޯއާ އެއްވަރަށް އެމެރިކާގެ ފޯވާޑް އެލެކްސް މޯގަން އަދި އިންގްލެންޑްގެ ފޯވާޑް އެލެން ވައިޓް ލަނޑު ޖަހާފައިވީ ނަމަވެސް، ރެފީނޯއަށް ގޯލްޑަލް ބޫޓް ލިބުނީ އެ ދެ ކުޅުންތެރިންނަށްވުރެ މަދު ވަގުތު ކުޅެގެން 6 ލަނޑު ޖަހާފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް