ރަނިން މޭޓަކު ހޮވުމަށް ޖޭޕީން ޕްރައިމަރީއެއް ބާއްވަނީ

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުގެ ރަނިން މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީން ޕްރައިމަރީއެއް ބާއްވަން ނިންމައިފި އެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ...

08 Jul 2018 | 18:16

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުގެ ރަނިން މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީން ޕްރައިމަރީއެއް ބާއްވަން ނިންމައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީން ވަނީ ނިންމާފައި އެވެ. އަދި އެކަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވަނީ ގަބޫލު ކޮށްފައި އެވެ.

ޖޭޕީން ބުނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނާއި ގުޅިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި ރަނިން މޭޓަކު ކަނޑައެޅުމަށް އެ ޕާޓީއަށް ލިބިފައިވާ ފުރުސަތުގައި އެ މަގާމަށް މީހަކު ހޮވުމަށް ނިންމާފައިވަނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ.

ރަނިން މޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރާ މީހެއްގެ ގައިގަ ހުންނަން ޖެހޭ ޝަރުތުތަކެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕާޓީގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެނީ ޕާސްޕޯޓު ސައިޒު ފޮޓޯ  އަކާއި އެމީހެއްގެ ވަނަވަރެވެ. ވާދަ ކުރުމަށް އެދުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.

އެކަމަކު ޕްރައިމަރީ ބާއްވާ ދުވަހެއް ޖޭޕީން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް