ނުސީދާކޮށް ޑރ އިޔާޒުގެ ފާޑު ކިޔުން ޑރ ޝަހީމަށް!

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބިުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުސީދާ ކޮށް ޑރ. ޝަހީމަށް...

08 Jul 2018 | 07:17

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބިުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުސީދާ ކޮށް ޑރ. ޝަހީމަށް ފާޑު ވިދާޅުވަމުން އެބަ ގެންދަވަ އެވެ.

ޓުވިޓާގައި ޑރ. އިޔާޒު ވަނީ ޑރ ޝަހީމަށް އަމާޒުކޮށް ނުސީދާކޮށް ފާޑު ވިދާޅުވެ ތިން ޓުވީޓެއް ކުރައްވާފައި އެވެ. އެ ޓުވީޓުތަކުގައި ވަނީ އަނިޔާވެރިވާ މީހުންގެ ފަހަތަށް ނުދިއުމަށާއި، ދީނީ އިލްމު އުނގެނިގެން ތިބެ ދީން ފެތުރުމުގެ މަތީގައި ތިބުމާއި ގުޅޭގޮތުން ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅުތައް މާނައާއި އެކު ލިޔުއްވާފައިވެ އެވެ.

ޑރ އިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހައްގު ގޮތުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވާލެއްވީ ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެ މަތިން މީސްތަކުންގެ މެދުގައި ހަކީމް ކުރެއްވުމަށް" މާތް ﷲ ވަހީކުރައްވާފައިވާ ކަމަށެވެ.

އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އަނިޔާވެރިވި މީހުންގެ ފަހަތަށް ކުޑަކޮށްވެސް ތިޔަބައި މީހުން ނުލެނބޭށެވެ. ފަހެ ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި ﷲ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް ނެތެވެ. ދެން ތިޔަބައި މީހުންނަކަށް ނަސްރެއްވެސް ނުލިބޭނެ" މާތް ﷲ ވަހީކުރައްވާފައިވާ ކަމަށެވެ.

https://twitter.com/dr_iyaz/status/1015824090135838720

ޑރ އިޔާޒު ވިދާޅުވެފައިވަނީ ރަނިން މޭޓު ލައްވާ ރަށްރަށަށް ދަތުރު ކުރުވާ ކާމިޔާބު ވުމުން އެއްލާލިތަން މާޒީގައި ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އިބްރަތް ހާސިލް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޑރ އިޔާޒުގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވެސް ވަނީ ޓުވިޓާގައި ޑރ ޝަހީމަށް އަމާޒުކޮށް ފާޑުވިދާޅުވެފައި އެވެ. އެ ޓުވީޓުގައި ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިންނާއި ދީނަށް ލޯބި ކުރާ ފަރާތްތަކުން އަބަދުވެސް ޒާތީ މަންފާއަށްވުރެ ދީނާ ހިލާފަށް ކުރެވޭ ކަންކަމާއި އަނިޔާވެރިކަމާއި ނާއިންސާފާއި ހިޔާނާތާއި، ކޮރަޕްޝަނާއި ދެކޮޅުވެރިވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ.

ރަނިން މޭޓު ލައްވާ ކެމްޕެއިން ކުރުވުމަށް ފަހު ބާކީކޮށްލި ވާހަކަ ރައްދު ކުރަމުން ދަނީ މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށެވެ. ރައީސް ޔާމީން އަރިހުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ޑރ ޖަމީލް އާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ކެމްޕެއިން ކޮށްދެއްވުމުން ވެރިކަމަށް ވަޑައިގެން އެ ބޭފުޅުންނަށް ހެއްދެވި ގޮތަކީ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފާޑު ކިޔުން ރައީސް ޔާމީނަށް އަމާޒުވަމުންދާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް