އަދީބުގެ ދެ ވަކީލުންނާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދާއި މޫސާ ސިރާޖާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފި އެވެ. އަދީބުގެ ގާނޫނީ ވަކީލުންނާއި ދެކޮޅަށް ޖިނާއީ ތަހުގީގު ކުރަނ...

08 Jul 2017 | 18:18

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދާއި މޫސާ ސިރާޖާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

އަދީބުގެ ގާނޫނީ ވަކީލުންނާއި ދެކޮޅަށް ޖިނާއީ ތަހުގީގު ކުރަން ފުލުހުން ނިންމީ އެމަނިކުފާނު ދޫނިދޫ ޖަލުގައި އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ގޮތެއް ވަކީލުން ފުލުހުންނާއި ހިއްސާ ނުކުރުމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަހުފޫޒާއި ސިރާޖުގެ ފޯނު ތިން މަސްދުވަހަށް ހިފަހައްޓާފައި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސޮއިކުރައްވައި ނެރުއްވާފައި އަމުރުގައިވާ ގޮތުން، ފޯނު ހިފަހައްޓަނީ މީހަކު މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅުމަށް ފަހު އެ މައުލޫމާތު ދިން ފަރާތެއް ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނާތީ، މައްސަލަޔާ ގުޅުން ހުރި މައުލޫމާތު ފޯނުގައި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭތީ އެވެ. މި މައްސަލާގައި ގާނޫނުލް އުގޫބާތުގެ ދަށުން، ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ކުށް އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމަށް ވަކީލުންގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މަހުފޫޒު ވިދާޅުވީ އެމައުލޫމާތު ލިބިފައިވާ ފުލުހުންގެ ތެރެއިން އަދީބަށް ވަފާތެރި ފުލުހުންގެ ފަރާތުން ކަމަށެވެ. އެކަމަކު މައުލޫމާތު ދިން ފަރާތުގެ ރައްކާތެރިކަމަށްޓަކައި ފުލުހުންނާއި ހިއްސާ ކުރަން ދެކޮޅު ހެދީ ކަމަށެވެ.

މަހުފޫޒު ވިދާޅުވީ ދޮގު ވާހަކަތަކެއްކަމަށް ފުލުހުން ބުނިނަމަވެސް އެކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާއިރު، މައުލޫމާތު ލިބުނުގޮތް ހާމަކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށެވެ.

މަހުފޫޒުގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުވި ސިޓީ އާއި ގުޅިގެން މިދިޔަ ހަފްތާގައި ވަނީ މައުލޫމާތު ސާފު ކުރުމަށް ސިރާޖާއި މަހުފޫޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ.

ފުލުހުން ބުނެފައި ވަނީ އަދީބު ދޫނިދޫ ގޮޅީގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދީބު ދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކެއްގައި އަދީބު ގެންދަވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަދި އިތުރު ދައުވާތަކެއްވެސް އަދީބުގެ މައްޗަށް ވަނީ އުފުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް