ސަރުކާރާއި ރައީސް ޔާމީންގެ ދިފާއުގައި ފާޅުގައި އަބަދުވެސް އެންމެ ގަދަބަސް ބުނަމުން އައި އެއް މެމްބަރަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވާން އުޅުނު އިރު އެކަމާއި ގުޅިގެން އެމްޕީ ރިޔާޒް ރަޝީދު ކުރެއްވި ޓްވީޓްތަކަކީވެސް ވަރުގަދަ އެހާމެ ބާރުގަދަ ޓްވީޓްތަކެކެވެ. ޓީވީ ޕްރޮގްރާމްތަކުގައްޔާއި ސިޔާސީ ޕޯޑިއަމް ތަކުގައިވެސް ރައީސް ޔާމީންގެ ދިފާއުގައި އެންމެ ވަރުގަދަ ބަސްތައް ބުނެލާ އެއް މެމްބަރަކީ ރިޔާޒް ރަޝީދެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، 45 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ވައްދާފައިވާއިރު، ސޮއިކުރި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ޕާޓީ ޕީޕީއެމަށް ނިސްބަތްވާ 10 މެމްބަރަކު ހިމެނޭއިރު، މިކަމާއި ގުޅިގެން ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމުގެ އަޑުތަކާއި ރައީސް ޔާމީން ހާސްވެ ކަންބޮޑުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ރިޔާޒް ރަޝީދުގެ އެންމެ ޓްވީޓެއްވެސް ފެނިގެން ނުދެ އެވެ. ޓީވީ ޕްރޮގްރާމަކުންވެސް ފެނިގެން ނުދެ އެވެ. ނުވިތާކަށް ސަރުކާރުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ މެމްބަރުންގެ މަސައްކަތްތަކުގެ ފޮޓޯތައް އަޕްލޯޑް ކުރަމުންއ އަންނައިރު އޭގެ ފޮޓޯއަކުންވެސް ރިޔާޒް ރަޝީދު ފެނިގެން ނުދެ އެވެ.
ރައީސް ޔާމީން އާއި ސަރުކާރުގެ ދިފާއުގައި އަބަދުވެސް ގަދަބަސް ބުނަމުން އަންނަ ރިޔާޒް ރަޝީދުގެ އަޑު އެއްކޮށް ކެނޑުމުން ސޯޝަލް މީޑިއާގައި މިވާހަކަ މިވަނީ ދެކެވެން ފަށާފަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިފަދަ ދަނޑިވަޅެއްގައި ރިޔާޒް ރަޝީދު މަޑުން ހުންނެވުމަކީވެސް ބޮޑު މެސެޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް