ސަރުކާރުގެ ކޯވިޑް ޕްރޮގްރާމްތަކާއި މެދު މަޖިލީހުން ދެކޭ ގޮތުގެ ލަފާ އަރުވައިފި

ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށާއި މި ދަނޑިވަޅުގައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ދެގޭ ގޮތުގެ ލަފާ އަރުވައިފި އެވެ. ސަރުކާރުން ހިންގާ ޕްރޮ...

08 Jun 2020 | 12:17

ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށާއި މި ދަނޑިވަޅުގައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ދެގޭ ގޮތުގެ ލަފާ އަރުވައިފި އެވެ.

ސަރުކާރުން ހިންގާ ޕްރޮގްރާމްތައް މަޖިލީހުގެ ކަމާގުޅޭ ގިނަ ކޮމިޓީތަކަކުން ދިރާސާކުރުމަށް ފަހު، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓެއް ވަނީ ތައްޔާރުކޮށްފައި އެވެ. އެ ރިޕޯޓު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވަނީ ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ރިޕޯޓެއް އެކުލަވާލުމުގެ ބޭނުމަކީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ޤަސްދުކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށް މަޖިލީހުން ބުނެ އެވެ. މި ރިޕޯޓުގައި މިވަގުތު ރާއްޖެއަށް މާލީ، އިގްތިސޯދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްސީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ހިމަނާފައިވެ އެވެ.

ސަރުކާރުގެ ރިލީފް ޕްރޮގްރާމްތަކާ ބެހެ ގޮތުން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އެ މައްސަަލަ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަަށް މީގެ ކުރިން ވަނީ ފޮނުވައިފަ އެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާއާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ ރުޤިއްޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް