ކުރިއަށް އޮތް 48 ގަޑިއިރު ދޭތެރެ ދޭތެރެއިން 50 މޭލާއި 55 މޭލާ ދެމެދުގެ ބަރުމިނަކަށް ވައި ގަދަވެގެންދާނެ ކަމަށާއި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި، ރާއްޖެއާއި ދުރުން، ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށެވެ.
"ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވެގެންދާނެ ކަމަށްވެސް ލަފާ ކުރެވެއެވެ. މެދުތެރެ އާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެއެވެ." މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ އުތުރާއި މެދުތެރޭ ސަރަހައްދުތަކަށް ވައި ގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ފަލާ ކުރެވޭތީ، އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމަށެވެ. ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް