ވޯޓުން އެނގުނީ ކުދި ގައުމުތަކަށް ފުރުސަތު ނެތްކަން: ރާއްޖެ

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ގެއްލުމުން އެނގިގެން ދަނީ ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށްޓަކައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ކުދި ގައުމުތަކަށް ނެތް ކަންކަމަށް ފޮރިން މ...

08 Jun 2018 | 18:32

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ގެއްލުމުން އެނގިގެން ދަނީ ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށްޓަކައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ކުދި ގައުމުތަކަށް ނެތް ކަންކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑޮނޭޝިއާ އާއި ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިވުމުން އިންޑޮނޭޝިއާއަށް މަރުހަބާ ކިޔައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އދ. ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބުވީ، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ އަށް ގައުމު ކަމަށެވެ. އެ ފުރުސަތު ކުދި ގައުމުތަކަށް ނޯންނާތީ ރާއްޖެއިން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތު ކުރަން، ކުދި ގައުމުތަކަށް ފުރުސަތު ނުލިބުމަކީ ރާއްޖޭން ހިތާމަކުރާ ކަމެއް ކަމަށެވެ. ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ދެކޮޅަށް ވަކާލާތު ކުރުމުގައި، ކުރިޔަށް އޮތްތާވެސް ރާއްޖެ އިސް ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ގައުމެއްގެ ސަލާމަތަށްޓަކައި ކޮށްފައި ހުރި މަސައްކަތަށް ބަލާ ކުދި އަދި ބޮޑެތި ގައުމުތަކަށް ތަފާތު ކުރުމެއް ނެތި އދ. ގެ ހުރިހާ މެންބަރު ގައުމުތަކަށް ވެސް ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އިންޑޮނޭޝިޔާއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖެއަށް އެ ގޮނޑި ނުލިބުނަސް އދ.ގެ ކަންކަމުގައި ވަކާލާތުކޮށް ކުރިޔަށް އޮތް ތަނުގައި ވެސް މެންބަރު ގައުމުތަކަ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އާ ހިޔާލުތަކާއި އިޖާދުތަކާއެކު އެހެން ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް އިތުރަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަ ކޮށް އިންޑޮނޭޝިއާއަށް 144 ގައުމުގެ ވޯޓު ލިބުނު އިރު ރާއްޖެއަށް ލިބުނީ 46 ގައުމުގެ ތާއީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް