ރާއްޖެ ބަލިކޮށް ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނޭޝިއާއަށް

އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެ ބަލިކޮށް އިންޑޮނޭޝިއާ ހަތަރު ވަނަ ފަހަރަށް ގޮނޑި ކާމިޔާބުކޮށްފި އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އ...

08 Jun 2018 | 16:15

އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެ ބަލިކޮށް އިންޑޮނޭޝިއާ ހަތަރު ވަނަ ފަހަރަށް ގޮނޑި ކާމިޔާބުކޮށްފި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނޭޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ. އިންޑޮނޭޝިއާ އާ ވާދަ ކޮށްގެން ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.

އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އެއީ އދ. ގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން އެންމެ މަދުވެގެން 120 ގައުމުގެ ވޯޓު ލިބިގެންނެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.

ސެކިއުރިޓީ ކައުންސިލްގައި ދެން ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ. އެގޮތުން، މިރޭގެ ވޯޓުގައި ގޮނޑިތައް ކަށަވަރު ކުރީ ދެކުނު އެފްރިކާ، ޑޮމިނިކަން ރިޕަބްލިކް، ބެލްޖިއަމް އަދި ޖަރުމަން ވިލާތެވެ. އޭޝިޔާ ޕެސިފިކްގެ ގޮނޑި ފިޔަވައި އަނެއް ހަތަރު ގޮނޑިން ކޮންމެ ގޮނޑިއަކަށް ވާދަކުރީ އެއް ގައުމެވެ.

މިރޭގެ ވޯޓުގައި އެފްރިކާގެ ޖާގަ އަށް، އެ ގޮނޑި އަށް ވާދަކުރި ހަމައެކަނި ގައުމު ކަމަށްވާ ދެކުނު އެފްރިކާ އިންތިޚާބުވީ ޖުމްލަ 183 ގައުމުގެ ވޯޓުންނެވެ. އަދި ޑޮމިނިކަން ރިޕަބްލިކަށް ލިބުނީ 184 ވޯޓެވެ. ޖަރުމަން ވިލާތަށް 184 ވޯޓު ލިބުނު އިރު، ބެލްޖިއަމަށް ލިބުނީ 181 ވޯޓެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު މައްސަލަތަކުގައި ބަސް ބުނުމުގެ ހައްގެވެ. އަދި އެކިއެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް