އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ކުރަނީ

ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކޮށްފި އެވެ. އޭނާ އާންމު ކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މ...

08 Jun 2018 | 05:30

ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކޮށްފި އެވެ.

އޭނާ އާންމު ކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.

ޝުޖާއު ވިދާޅުވީ އޭނާ އިންތިހާބުގައި ވާދަ ކުރައްވަނީ ވަކި ފަރާތެއްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ވެރިކަމުގެ ނިޒާމު މިނިވަން ކުރުމަށެވެ. އަދި ޒާތީ ކަންކަމާއި ހަސަދައިން ފޯވެފައިވާ ސިޔާސީ ޕާޓީގެ ނިޒާމު ސާފުކޮށް ގާނޫނުން ކަށަވަރުކޮށްދޭ ހަމަހަމަކަން އިއާދަކޮށްދީ އާ ފެށުމަކުން ފެށުމަށެވެ.

ޝުޖާއު ވިދާޅުވީ ގައުމުގެ އިސްތިގުލާލަކީ އަމިއްލަ ވަންތަކަން ދަމަހައްޓައިދޭ އަސާސަށް ވާއިރު ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކާއި އިންސާނީ ހައްގުތަކަކީ ގާނޫނުގައި ވާގޮތުން ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ލިބެން ޖެހޭ އެއްޗެކެވެ. އިތުރަށް ވިދާޅުވީ ބައިނަލް އަގުވާމީ މައިދާނުގައި ބަސް ކިޔޭ ގައުމަކަށް ރާއްޖެ ވާނީ ބައިނަލް އަގުވާމީ އުސޫލުތަކަށް ތަބާވެ، ގައުމުގެ ސިޔާދަތު އިސްކޮށްގެން ކަމަށެވެ.

ޝަރުއީ ނިޒާމު އިންސާފުވެރިވެ، ފުލުހުންނާއި ސިފައިންނަކީ ގައުމީ މަސްލަހަތު އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ހުއްޓިފައިވާ ގާނޫނު ހެދުމުގެ ބާރު ހިނގައިގަތުމަށް ފުރުސަތުދީ، ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމު ތަރުތީބު ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޝުޖާއުގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މީގެ ތެރެއިން ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް