މަސް ނިމޭ ހިސާބުގައި ޕީކަށް: އެއް ދުވަހުން 1600އެއްހާ މީހުން ޕޮޒިޓިވްވާނެ!

ރާއްޖޭގައި ކޯވިޑް-19، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، މި މަސް ނިމޭ ހިސާބުގައި ޕީކަށް ގޮސްދާނެ ކަމަށް ލަފާކޮށް އެހާތާނގައި ދުވާލަކު 1600އެއްހާ މީހުން ޕޮޒިޓިވްވާނެ ކަމަށް އަންދާޒާކޮށްފިއެވެ. އެގ...

07 May 2020 | 19:00

ރާއްޖޭގައި ކޯވިޑް-19، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، މި މަސް ނިމޭ ހިސާބުގައި ޕީކަށް ގޮސްދާނެ ކަމަށް ލަފާކޮށް އެހާތާނގައި ދުވާލަކު 1600އެއްހާ މީހުން ޕޮޒިޓިވްވާނެ ކަމަށް އަންދާޒާކޮށްފިއެވެ.

އެގޮތުން މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ސީނާ މޫސާ ވިދާޅުވީ މި ހިނގާ މޭ މަހުގެ 30 އަދި 31ގައި އެހާތާނގައި ދުވަހެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު 1600 އަށް އެރުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް19 ޕީކަކަށް ދާނެ ކަމަށް ކުރިންވެސް އަންދާޒާކޮށްފައިވެއެވެ. އަދި ކުރިން އަންދާޒާކޮށްފައިވާ ގޮތުން ނަމަ ޕީކުގައި ދުވާލަކު 6000އެއްހާ މީހުން ޕޮޒިޓިވްވާނެއެވެ. ނަމަވެސް ލޮކްޑައުންނާއި، އަޅާފައިވާ އިތުރު ފިޔަވަޅުތަކާއެކު އަންދާޒާ ކުރެވޭވަރު މިހާރު މިވަނީ މަދުވެފައެވެ.

މިހާރު އަންދާޒާ ކުރެވޭގޮތުގެ ތަފްސީލް ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ ޕީކް ދުވަސްތަކުގައި ނުވަތަ އެ ދުވަހުގައި މަދުވެގެން 34 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި 12 މީހަކު އައިސީޔޫއަށް ލާންޖެހޭނެ ކަމަށެވެ. އަދި މި ޕީކްގެ މުއްދަތު 14 ދުވަހަށް ދެމިގެން ގޮސްފިނަމަ 6804 މީހަކު ޕޮޒިޓިވް ވާނެ ކަމަށާއި 281 މީހަކު އެޑްމިޓްކުރަންޖެހި 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެކަމަށްވެސް އަންދާޒާ ކުރެވޭކަމަށެވެ.

މީގެ އިތުރުން މުޅި މަންޒަރަށް ބަލާނަމަ ރާއްޖޭގައި 77 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ 13000 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށް 5000 އެއްހާ މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ ކަމުގައިވެސް ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް