ރޯދަމަސް ފެށުނު ތަނާހެން އަގު އުފުލިގެންގޮސް ކިލޯއެއް ލިބޭ އަގު 1200 އަށްވުރެ މަތި ވެގެންދިޔަ ކަނޑޫދޫ މިރުސް މާރުކޭޓުގައި ބާކީ ވެއްޖެއެވެ.
މިއަދު ބާޒާރުގެ ގޮޅިތަކަށް ބަލާލާއިރު ކަނޑޫދޫ މިރުސް ލިބެން ހުރީ އެންމެ ދެތިން ގޮޅިއެއްގައެވެ. އެގޮޅިތަކުގައި 100 ގްރާމް މިހާރު ލިބެންހުރީ 70 ރުފިޔާއަށެވެ. އެހެންކަމުން ކަނޑޫދޫ މިރުގެ އަގު މިހާރު މިވަނީ ކިލޯއެއް ގާތްގަނޑަކަށް 700 އަށް ދަށްވެފައެވެ.
ނަމަވެސް ކަނޑޫދޫ ގޮޅިތަކުގައި ތިބޭ ގިނަ މީހުން މިހާރު ވިއްކަނީ ބޭރުން ގެނެސްފައިވާ މިރުހެވެ. އެއީ އުގާންޑާ މިރުސްކަމަށް އެމީހުން ބުނެއެވެ. އުގާންޑާއިން މިރުސް ގެންނަނީ ފަސޭހައިން ހެޔޮ އަގުގައި ގަނެވޭތީ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ގޮޅިތަކުން ބުނަނީ ކަނޑޫދޫ މިރުހޭ ބުންޏަސް ރައްޔިތުން އަންނަނީ ރުޅި ކަމަށެވެ. އަދި ކަނޑޫދޫ މިރުސް ހޯދަން އަންނަ މީހުންވެސް މަދު ކަމަށް ގޮޅިތަކުގައި ތިބޭ މީހުން ބުންޏެވެ.
ކަނޑޫދޫ މިރުސް ވިއްކަން ހުރި ގޮޅިތަކުންވެސް ބުނީ މިހާރު ވިއްކަމުންދަނީ ކުރިން ގަނެފައި ހުރި ކަނޑޫދޫ މިރުސް ކަމަށާއި ސްޓޮކް ހުސްވުމުން ކަނޑޫދޫ މިރުސް ގަތުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
މާރުކޭޓުގައި އުގާންޑާ މިރުސް 100 ގްރާމް 30 ރުފިޔާ އާއި 35 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް