ކޮލަމް : މުޅިން ސަކަރާތް
މަގުމައްޗަށް ނުކުމެލާ ކޮންމެ ފަހަރަކު ބޯގޮވައެވެ. މަގުމަތީގައި އެއްވެސް ހަމައެއް ލަމައެއް ނެތީމައެވެ. މާލޭގެ މަގުތަކުގައި މިހާ ތޮއްޖެހި ދުއްވާއެއްޗެތި ގިނަވެފައި އޮތް އިރު ހަމައެއް ލަމައެއް ނެތި ރޫސްރޫސްލާފައި ދުއްވާ ސައިކަލްތަކާ ހެދި ފިއްކަނޑައިގެންދެއެވެ. އެހެން މީހަކަށް ބެލުމެއްނެތި، ޤާވާޢިދެއް ޤާނޫނަކަށް ބެލުމެއް ނެތި ދުއްވާފައިދާ މީހުން، މަތަކުރާނެ ހަމައެކަކުވެސް ނުހުރެއެވެ. އެކްސިޑެންޓުތައް ގިނަވެ ފުރާނަ ގެއްލުނަސް ވަރިހަމަ ކަހަލައެވެ. އެފަދަ މީހުންގެ ސަބަބުން އެހެންމީހުންނަށް ލިބޭ ދަތިއުނދަގޫތަކަށް ޙައްލެއް ލިބޭނެ ގޮތެއް ނެތީބާއެވެ؟ އެމީހުންނަށް ހީވާކަހަލައެވެ. މަގު ތިމާއަށް ހިތްހިތެކެވެ.
ޓްރެފިކުގެ ޤަވާއިދުތަކާއި މަގުމަތީގެ ޤަވާއިދުތައް މިރާއްޖޭގައިވެސް ހެދިފައި އޮވެއެވެ. ސުވާލަކީ އެ ޤަވާއިދުތައް ތަންފީޛު ކުރަން ޙަވާލުކުރެވިފައިވަނީ ކޮން ބަޔަކާތޯއެވެ؟ ޢާންމު ރައްޔިތުންނާ ތޯއެވެ؟ ނުވަތަ ވެހިކަލް ދުއްވާ މީހުން ނޫނީ މަގުމަތީގައި ހިނގާ މީހުންނާތޯއެވެ؟ ނުވަތަ ޤާނޫނާއި ޤަވާއިދު ހަދާ މީހުންތޯއެވެ؟ އެނގޭ އެއްޗަކީ މިކަން ބަލާ ފިޔަވަޅު އަޅާނެ ބަޔަކު، ނުވަތަ މަގުމަތީގެ އަމާންކަން ދަމަހައްޓާނެ ބަޔަކު ނެތް ކަމެވެ. އެކަމާ އަޅާލާނެ ބަޔަކުވެސް ހުރީކީނޫނެވެ. މީހަމަ ރަނގަޅުގޮތްތޯއެވެ؟
ބުރިޖު ހުރަސްކުރާއިރު ހެލްމެޓު އަޅަން ޤަވާއިދު ހަދާ ބުރިޖު ފެށޭހިސާބުގައި އެންމެ ފުލުހަކު ހުރެ އެކަން ބަލަހައްޓާތީ ލޯގަނޑު ނެތި ނުވަތަ ހެލްމެޓު ނާޅާ ބުރިޖުން ދަތުރެއް ނުކުރެވެއެވެ. އެކަން ވަރަށް ރަނގަޅަށް އެބަ ބެލެހެއްޓެއެވެ. އެ ޤަވާޢިދަށް މީހުން ބޯވެސް ލަނބައެވެ. އެކަން ބެލެހެއްޓޭތީ ޤަވާޢިދާ ޚިލާފަށް ބުރިޖު ހުރަސްކޮށް ދަތުރު ކުރާތަނެއް ނުފެނެއެވެ. އެހެން އެކަން އެވަނީ އެކަން ބެލެހެއްޓޭތީއެވެ. އެހެނަސް އެތައް އަހަރަކުއްސުރެ ކަންބޮޑުވެ އުނދަގޫތައް ތަޙައްމަލް ކުރަންޖެހޭ މާލޭގެ މަގުތަކުގައި އެއްވެސް ޤަވާއިދެއް ނުހިނގައެވެ. ނުހިނގާނެތާއެވެ. އެކަން ރަނަގަޅަށް ބަލަހައްޓާ ބަޔަކު ނުވަތަ ޤަވާއިދުގެ ތެރެއަށް އަހުލުވެރި ކުރުވާނެ ބަޔަކު މި މާލެއަކު ނެތެވެ. މީ ހާދަހާ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މީ އެހެން އެއްކަމަކަށްވުރެ، ބޮޑުވެފައިވާ މައްސަލަ އެކެވެ. ހަމައެއް ލަމައެއްނެތި ދުއްވާ މީހުން ހިފަހައްޓާ ވަގުތުން ފިޔަވަޅު އަޅަން ފަށާނީ ކޮން ދުވަހަކުންތޯއެވެ. މަގުމަތީގައި މިވަރަށް ތޮއްޖެހުނަ ނުދީ މަގުމަތި ބަލަހައްޓާނީ ކޮން ދުވަހަކުންތޯއެވެ؟
ރައީސެވެ. މިކަން މިއޮތީ ވަރަށް ސަކަރާތް ކޮށެވެ. ވަރަށް ދޯދިޔާ ކޮށެވެ. ވަރަށް ނުބެލެހެއްޓިއެވެ. ކޮންމެ ކަފިހި ހުރަހެއް ކައިރީގައި ފުލުހަކު ބަހައްޓައިގެން ވިޔަސް މިކަން ވަރަށް ކައިރިން ބައްލަވާ ދެއްވާށެވެ. ރައްޔިތުންގެ ސަލާމަތަށްޓަކައެވެ. މަގުމަތީގެ ރައްކާތެރި ކަމަށްޓަކައެވެ. ދުއްވާ މީހުންނަށް ފަސޭހައަކަށްޓަކައެވެ. ޢާންމު ރައްޔިތުންގެ ހިތްހަމަ ޖެހުމަށްޓަކައެވެ. މީހުންގެ ފުރާނައިގެ ސަލާމަތަށްޓަކައެވެ. ހަމަތެދެއް ނަންގަންނަންތޯއެވެ. މިކަން މިއޮތީ ހަމަ ވަރަށް ސަކަރާތްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް