ކުރުވާހަކަ: އިންސްޓަގްރާމް މޮޑެލް

ގަޑިން ދަންވަރު އެކެއް ޖެހީއެވެ. އަހަރެންނަކީ އެންމެ ރެއަކުވެސް ތިނެއް ނުޖަހަނިސް ނިދާ މީހެއް ނޫނެވެ. އާދައިގެ މަތިން އަހަރެން އޮތީ ފޯނު ހިފައިގެން އެއް އެޕްލިކޭޝަން އިން އަނެއް އެޕްލިކޭޝަނަށް ބަދަލުކ...

08 May 2019 | 05:24

ގަޑިން ދަންވަރު އެކެއް ޖެހީއެވެ. އަހަރެންނަކީ އެންމެ ރެއަކުވެސް ތިނެއް ނުޖަހަނިސް ނިދާ މީހެއް ނޫނެވެ. އާދައިގެ މަތިން އަހަރެން އޮތީ ފޯނު ހިފައިގެން އެއް އެޕްލިކޭޝަން އިން އަނެއް އެޕްލިކޭޝަނަށް ބަދަލުކޮށްލަ ކޮށްލައެވެ. މެސެންޖާއިން ގޮވާލި އެއްވެސް އަންހެން ކުއްޖަކު މިރޭ އަނގައިން ބުނާކަށް ނޫޅުނެވެ. އެހެންކަމުން އިންސްޓަގްރާމް ހުޅުވައިލީމެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ރޭގައި އަހަރެން ފޮލޯ ކުރި އަންހެން ކުއްޖާގެ ފޮޓޯ އެކެވެ. އެ ފޮޓޯ އަށް ބަލައިލުމަށްފަހު އަހަރެން އެ ކުއްޖާގެ ޕްރޮފައިލް ހުޅުވައިލީމެވެ.

ފުރަތަމަވެސް އަހަރެންނަށް ހުޅުވައިލެވުނީ އަނގައެވެ. "ކާލީކުއީން" ގެ ތޭވީސްހާސް ފޮލޯވަރުން ތިއްބެވެ. ފޮޓޯތައް ބަލަމުން ދިޔަ ވަރަކަށް އަހަރެންގެ ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ކޮންމެ ފޮޓޯ އަކުންވެސް ފެންނަނީ ތަފާތު މަންޒަރު ތަކެކެވެ. ބުޅި އިސްތަށިގަނޑު އެކި ފަހަރު އެކި ގޮތަށް ހަދާލައިފައި ހުންނައިރު އެއީ ހަގީގަތުގައިވެސް "ކުއީން" އެކޭ އަހަރެންގެ ހިތައް އަހަރަމުން ދިޔައެވެ. އެހެރި ބޮޑު ދެލޮލަކާއި ސަޅި ބައްޓަމެކެވެ. އެ ތޫނު ނަޒަރުން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރާއި ކުޅެލައިފިއެވެ. ކޮންމެ ފޮޓޯ އަކަށް ދެހާހަށް ވުރެ ގިނަ ލައިކާއި އެތައް ސަތޭކަ ކޮމެންޓެއް ލިބިފައި ހުއްޓެވެ. ރީތި ކުއްޖެއް ކަމުން އަހަރެން މި ކުއްޖާ އާއި ވާހަކަ ދައްކާލާހިތްވިއެވެ. އެހެންކަމުން މެސެޖެއް ކޮށްލީމެވެ.

ގަޑި އިރެއް ވެގެން ދިޔައިރު އޭނާ އަހަރެންގެ މެސެޖު ބަލައިވެސް ނުލައެވެ. ނަމަވެސް މިރޭ އަޕްލޯޑު ކޮށްފައި އިން ފޮޓޯގައި ހުރި ކޮމެންޓްތަކަށް ރައްދު ދެމުން ދިޔަ މަންޒަރު އަހަރެން އޮތީ ބަލާށެވެ. އިތުރަށް ކެތް ނުވެގެން އަނެއްކާވެސް އަހަރެން ގޮވައިލީމެވެ. ދެން ވެސް އެތައް އިރެއްވީ އިރުވެސް ޖަވާބެއް ނުލިބުނެވެ. ފާޑު ފާޑުގެ ހެދުން ލައިގެން، ޒާތް ޒާތަށް ފޮޓޯ ނަގައިގެން އިންސްޓަގްރާމް ގައި މަޝްހޫރުވާ އަންހެން ކުދިންގެ ފާޑޭ އަހަރެން ހިތައް އެރިއެވެ. ވަރުގަދަ ކުއީނެކެވެ. ވީ ފޫހިން ފޯނު ބޭއްވުމަށްފަހު އަހަރެން އެރޭ ނިދީއެވެ.

އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އަހަރެންގެ އާދައިގެ ދުވަސް ފެށުނީއެވެ. ކަންނެތްކަންމަތީ އިރުކޮޅަކު އޮތުމަށްފަހު، ފެންވަރާލައިގެން އޮފީހަށްދާން ތައްޔާރުވެލީމެވެ. އޮފީހަށް ގަޑި ނުޖެހި ދެވުމުން އަހަރެން ހުރީ ނިކަން އުފާވެފައެވެ. އަހަރެންގެ ކެބިންގައި ޖައްސައިލުމަށްފަހު ފޯނު ނަގައި ބަލައިލީމެވެ. ޑޭޓާ ޖައްސައިލުމުން ނޮޓިފިކޭޝަންތަކުން ފޯނުގެ ސްކްރީން ފުރައިލިއެވެ. ފަހަރަކު އެއްޗެއް ބަލަމުން ގޮސް އިންސްޓަގްރާމުން އައިސްފައި އިން ނޮޓިފިކޭޝަން ފެނުމުން އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ކާލީކްއީން "ހެލޯ" ޖަހައިލައިފައި އިނެވެ. ވީ އުފަލުން އަހަރެން "ގުޑް މޯނިންގ" ކިޔައިލީމެވެ. އިރުކޮޅަކުން ޖަވާބެއް ލިބުނެވެ.

އަހަރެން ހިއްސާ ކުރަން މިއުޅޭ ވާހަކަ ހަގީގަތުގައި އަދި މި ފެށުނީއެވެ. މި ވާހަކަ ކިޔައިދޭން ހިނިވެސް އާދެއެވެ. ނަމަވެސް މިއީ އަހަރެންގެ ހަޔާތުގައި މިހާނަށް ދިމާވި އެންމެ ހެއްވާ އަދި ހަނދާނުން ފިލައިގެން ނުދާވަރުގެ ވާހަކައެއް ކަމުން ހިއްސާ ކޮށްލާނަމެވެ.

އަހަރެންނާއި ކާލީކްއީންގެ އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. ކްއީން އަށް އަސްލު ކިޔައީ އަމީރާ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އަހަރެން އަބަދުވެސް ގޮވަނީ ކްއީން އޭ ކިޔައިފައެވެ.

ކާލީކްއީން ކިޔައިދިން ގޮތުގައި އޭނާ އިންސްޓަގްރާމް ގައި އެހާ މަޝްހޫރުވީ އޭނާގެ ބުޅި އިސްތަށިގަނޑުގެ ސަބަބުންނެވެ. އަމިއްލަ ފޯނުން ދެތިން ފޮޓޯ އެއް ނެގުމަށްފަހު އަޕްލޯޑު ކުރި ހިސާބުން ބައިވަރު ފޮޓޯގްރާފަރުން އޭނާ ކައިރިން މޮޑެލް ކޮށްދިނުމަށް އެދެއެވެ. ނަމަވެސް ކްއީން އަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަމިއްލަ އަށް ފޮޓޯ ނަގާށެވެ. ކާލީކްއީންގެ ހެދުންތަކުގެ އިތުރުން، އޭނާގެ ހެއާ ސްޓައިލް އަކީވެސް އަމިއްލައަށް ކުރާ ކަމެއް ކަމަށް ކްއީން ބުންޏެވެ.

ކޮންމެއަކަސް އަހަރެންގެ ހިތް މަޑުމަޑުން ލެނބެމުން ދިޔައެވެ. އޭނާ ބުނިގޮތުގައި ދުވަހަކުވެސް މިގޮތަށް މީހަކާއި އޭނާގެ އެއްވެސް ވާހަކައެއް ހިއްސާއެއް ނުކުރެއެވެ. އަހަރެންނަކީ ހާއްސަ މީހެއްތާއޭ އަހަރެންގެ ހިތައް އެރިއެވެ.

ދުވަސްކޮޅަކު ވާހަކަ ދެއްކުމަށްފަހު އަހަރެން އޭނާ އާއި ދިމާވަން އެދުނީމެވެ. ވަރަށް ފަސޭހައިން އެކަމާ އޭނާ އެއްބަސްވިއެވެ. އަހަރެން ހުރީ އިސްޓަގްރާމުން މި ދިމާވި ހާއްސަ މޮޑެލް ދެކިލާހިތުން ކެތްމަދުވެފައެވެ.

ވަރަށް ރީއްޗަށް ފެންވަރާލައިގެން ނިކުމެ އަހަރެންނަށް އެންމެ ރީތި ރަތްކުލައިގެ ގޮޅިޖެހި ގަމީސް ލީމެވެ. އެއީ ކްއީން އަށް އެންމެ ރީތީ ގޮޅިޖެހި ގަމީސް ލާ ކުދިންނާއި ޖީއެން ދުއްވާ ކުދިން ކަމަށް ވީމައެވެ. ނަސީބަކުން އަހަރެން ގެންގުޅެނީ ވެސް ޖީއެން އެކެވެ. ވަރުގެ ކޮޅަށް ހެދިލައިގެން އަހަރެން ނިކުތީ އަހަރެންގެ ކާލީކްއީން އާއި ބައްދަލުކުރުމަށެވެ. ކްއީން ބުނި ތަނުގައި މަޑުކޮށްގެން އަހަރެން އިންނަތާ ފަނަރަ މިނިޓް ވެއްޖެއެވެ. ހަބަރެއް ނުވިއެވެ. ނަމްބަރު ނެތުމުން އަހަރެން އިންސްޓަގްރާމުން މެސެޖެއް ކޮށްލީމެވެ. ޖަވާބުގައި އޭނާ ބުނީ މިހުރީ އެތާ ކަމުގައެވެ. އަހަރެން ކޮޅު ކޮޅު ބަލައިލީމެވެ. ތަންކޮޅެއް ދުރުގައި ފޯނާ ކުޅެން ކުއްޖަކު ހުއްޓެވެ. ނަމަވެސް އެއީ އަހަރެންގެ ކާލީކްއީން ނޫންކަން އަހަރެންނަށް ޔަގީނެވެ. އިރުކޮޅަކުން އައި މެސެޖުގައި ވަނީ އޭނާ އަށް އަހަރެން ފެނިއްޖެ ކަމުގައެވެ. އަހަރެން ބަލަން އިންދައި އަހަރެންގެ ކުރިމަތީގައި މަޑުކޮށްލީ އޭރު ފޯނާ ކުޅޭން ހުރި ކުއްޖާއެވެ.

ހެވިފައި އަހަރެންނަށް ބަލަން އެކުއްޖާ ހުރި އިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އިސްތަށިގަނޑު ބުޅިއެވެ. ނަމަވެސް އަހަރަނީ ކޮނޑާ ހިސާބަށެވެ. ހަށިގަނޑު ލޫޅާފަތިވެފައި ފޮޓޯ އިން ފެންނަން ހުރި ކަހަލަ ބައްޓަމެއް ނެތެވެ. މޫނުގެ ކުލަ ދޮން ކަމުގައި ވިޔަސް އަތާއި މޫނުގެ ކުލަ މުޅިންހެން ތަފާތެވެ. ފޮޓޯއިން ފެންނަކަހަލަ އެއްވެސް ޝާހީ ކަމެއް އެ މޫނަކުން އަހަރެންނަކަށް ނުފެނުނެވެ. ލޯ ވެސް އެހާ ކުޑައެވެ. ނަމަވެސް ފޮޓޯ ތަކުން ފެންނައިރު ދެލޮލާއި އެސްފިޔަތައް ވެސް އެހާ ދިގެވެ. އަހަރެން  ބަލަން އިނުމުން އޭނާ އަހަރެންނަށް ގޮވައިލިއެވެ. އަހަރެން ކައިރިޔަށް ހިނި އައީ އަހަރެން ނުވެސް ވިސްނާ ހުއްޓައެވެ. އެއްގޮތަކަށްވެސް މީހެއްގެ ސިފަޔަކަށް މަލާމާތް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ފޮޓޯ އިން އަހަރެންނަށް ފެންނަމުން ދިޔަ ކާލީކްއީން އަކީ ހަމައެކަނި މީސްމީޑިއާގައި ރަނިކަން ކުރާ ޕަރީއެއް ތާއެވެ.

ހިނިއައިވަރުން އަނގައިންވެސް ނުބުނެ އަހަރެން ސައިކަލު ދުއްވައިލީމެވެ. އަހަރެންނަށް ވީ ގޮތުން ކްއީން ހުރީ ހައިރާންވެފައިކަން ޔަގީނެވެ. އަހަރެން ދިޔައީ ރައްޓެހިންނާއި އެކީ ކޮފީއަކަށެވެ. ގޮސް އަހަރެންނަށް ދިމާވި ހާދިސާ ކިޔައިދިނުމަށްފަހު އެ ކުއްޖާގެ ފޮޓޯ ދައްކައިލީމެވެ.

"ތީ އަހަރެމެން ހިސާބުގަނޑު މަންޖެ އެއް... ސަހާދަތް މިބުނީ އެޑިޓުން ފެންވަރައިގެންނެއްނު ތިހުރީ... ބަލާބަލަ ފޫކޮޅުވެސް ބޮޑުކޮށްލާފަ ހުރިވަރު... އަޖައިބު ވެއްޖިން ހަމަ..." އަހަރެންގެ އެކުވެރި މާއްޓޭ ބުނެލިއެވެ. އެންމެން އަހަރެންގެ މޮޔަކަމަށް މަލާމަތްކުރަމުން ދިޔައިރު، އަހަރެންނަށްވެސް ހެވެމުން ދިޔައެވެ.

ކާލީކްއީންގެ ފޮޓޯތައް އަހަރެން ޒޫމް ކޮށްގެން ބަލައިލީމެވެ. އިސްތަށިގަނޑު ދިގުކަމަށް ދައްކަނީ އެޑިޓު ކޮށްލާފައި ހުރިލެއް މޮޅު ކަމުންނެވެ. ހަށިގަނޑުގެ ބައްޓަމުން ފެށިގެން އަތުގެ އިނގިލިތަކަށް ދާންދެން ހުރީ އެޑިޓު ކޮށްލާފައެވެ. ކާލީކްއީން އަށް ފިދާވަމުންދިޔަ ހުރިހާ ފިރިހެނުންނަށްޓަކައި އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަމީރާ އަކީ ހަމައެކަނި އިންސްޓަގްރާމް މޮޑެލްއެކެވެ. މިގޮތަށް ކިތައް ކުދިން އަމިއްލަ ނަފްސް އެޑިޓް ކޮށްގެން މީސްމީޑިއާގައި މީހުންގެ ހިތްތައް ކަތިލަމުން ދާނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެންނަށް މި ދިމާވި ކަހަލަ ހާދިސާތައް ކިތަންމެ ވަރަކަށް ހިނގާނެކަން ޔަގީނެވެ. އިންސްޓަގްރާންގައި މިހާރު އުޅެނީ ހުސް މޮޑެލުން ވިއްޔާއެވެ.

(ނިމުނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް