އުމަރުގެ ފުރަތަމަ ވައުދު "ހެޔޮ ހިޔާ" އިއުލާނުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ މެނިފެސްޓޯގައި ހިމެނޭ ފުރަތަމަ ވައުދު އިއުލާނު ކުރައްވައިފި އެވެ. މިދިޔަ މަހު ފަހުކޮ...

08 May 2018 | 07:49

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ މެނިފެސްޓޯގައި ހިމެނޭ ފުރަތަމަ ވައުދު އިއުލާނު ކުރައްވައިފި އެވެ.

މިދިޔަ މަހު ފަހުކޮޅު އޭނާ ވިދާޅުވެފައިވަނީ މެނިފެސްޓޯގައި ހިމެނުމަށް ބޭނުންވާ ހިޔާލުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރަމުންދާނެ ކަމަށެވެ. އަދި އެ ވިސްނުންތަކަށް ހިޔާލުދޭން ބޭނުންވާ ފަރާތްތަކުން ފޭސްބުކް އާއި ޓުވިޓާ، ވައިބާ، ވަޓްސްއެޕް، އަދި އެސްއެމްއެސް މެދުވެރިކޮށް  ހިޔާލު ފޮނުުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އުމަރުގެ ފުރަތަމަ ވައުދުގެ ގޮތުގައި އާންމު ކުރައްވާފައިވަނީ "ހެޔޮ ހިޔާ" ގެ ނަމުގައި ގެދޮރާއި ގުޅޭ ވައުދެވެ. އުމަރު ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް ބަޖެޓުން އަހަރަކު ތިން ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށެވެ. އުމަރު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރި އިރު މުޅިންހެން ގެންގުޅުނީ ވިޔަފާރި އުސޫލެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކުރާނީ ބަޖެޓުން ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

އަލަށް އަޅާނެ ފްލެޓްތަކާއި މިހާރު ދޫކޮށްފައިވާ ފްލެޓްތަކަށް ވެސް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ އެ މީހަކަށް ލިބޭ އާމްދަނީގެ 25 ޕަސެންޓް ކަމުގައި ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި ސަރުކާރުން ދޫކުރާ އެއްވެސް ފްލެޓަކަށް އެޑްވާންސް ފައިސާ ނުނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އުސޫލަށް އަމަލު ކުރަން ފެށުމުން ގިނަ އާއިލާތަކުން ދައްކަން ޖެހޭނީ 2،000ރ. އާއި 3،000ރ. އާ ދޭތެރޭ އަދަދެއް. މާލެ އާއި އަތޮޅު ތެރޭގައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު އެޅުމަށް ދޭ ހިލޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާނަން،" އުމަރު ވިދާޅުވި އެވެ.

މިހާރުގެ ހާލަތާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މާލޭގައި ދިރިއުޅޭ އާއިލާތައް ފިތި ބާރުވެފައިވާ އިރު އަތޮޅުތެރޭގެ ރައްޔިތުން ވަނީ ގެދޮރު އިމާރާތް ކުރުމުގެ ތަނަވަސްކަމުން މަހުރޫމްވެފައި ކަމަށެވެ. އަތޮޅު ތެރެ އިން މާލެ އަށް އަންނަ މީހުންގެ އާމްދަނީ އަށް ވުރެ 200 ޕަސެންޓް އިތުރަށް ކުއްޔަށް ހޭދަ ކުރަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ކަންކަމުގައި އަމުރު ނުކުރެވޭ ބަޔަކަށް ހަދައި އެ އަވަށުގައި ދިރިއުޅޭ މީހުންގެ ކަންކަން ބަލަހައްޓާނީ ސަރުކާރުގެ ވުޒާރާއަކުން ކަމުގައި ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމަވާފައިވާ ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ. ފަހަރުގައި އުމަރު ފުރަތަމަ މި ނިންމަފާވައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީތަކުން ނިންމާފައިވަނީ އިދިކޮޅު ވަކި ވަކި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށްފަހު ހޮވޭ ފަރާތްތަކުގެ ތެރެއިން އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވޭ ވަރު ކެންޑިޑޭޓަކަށް ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް