އުއްތަމަ ފަނޑިޔާރަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މި ހުކުމް އިއްވާފައިވަނީ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް މިދިޔ...

08 May 2018 | 06:32

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި ހުކުމް އިއްވާފައިވަނީ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް މިދިޔަ ފެބްރުއަރީ ހަތަރެއް އަދި ފަހެއްގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަން ސާބިތުވާ ކަމަށް ކަނޑައަޅައެވެ. ހުކުމް އިއްވެވީ ގާޒީ އިބްރާހިމް އަލީ އެވެ.

އެ ދައުވާ ސާބިތުވެ، ކޮށްފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހުކުމް އިއްވުމަށް ފަހު ޝަރީއަތުގެ މަޖިލީސް ނިންމަލާވެއްވުމުން އުއްތަމަ ފަނޑިޔާރު ވަނީ ގާޒީއަށް އަޑު އިވޭވަރަށް "ގިޔާމަތް ދުވަސް " އަދި އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރީއަތް އަޑުއަހަން ގޮސް ތިބި މީހުންނަށް ބައްލަވައި "މި ލިބުނީ ޝަހީދެއްގެ ދަރަޖަ" ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އަދި "މަރު ނުވާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާޏު ކޯޓުން ނިކުމެވަޑައިގެންނެވީ ކަރެކްޝަންސްގެ އޮފިސަރުންނާއި އެކު އެވެ.

މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގަ އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ސިއްރުން ހެކިބަސް ދިން ބަޔަކު ވަނީ އެކަމަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެފަ އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރާއި އެއްކޮޅަށް ހެކިބަސް ދިން މީހަކު ވަނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވާފައި ނުވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ދެ ދައުވާއެއް އެމަނިކުފާނާއި ދެކޮޅަށް ވަނީ އުފުލާފައި އެވެ. އެއީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އާއި ހެކި ފޮރުވިކަމަށް ބުނެ އުފުލާފައިވާ ދައުވާ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް