ބޮލީވުޑް ތަރިންގެ ތެރެއިން ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރަކީ މި ފަހުން ދަރިން ލިބުނު މީހުންގެ ތެރެއިން އެންމެ ބޮޑަށް ދަރިން ޕްރޮމޯޓުކޮށް މަޝްހޫރު ކުރަން އުޅޭ ދެމީހުން ކަމަށް މީޑީއާގައި ރިޕޯޓުކޮށްފައިވެ އެވެ.
އޭގެ ފަހުން މިހާރު ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާންވެސް ވަނީ އެ ލިސްޓަށް އިތުރުވެފައި އެވެ. އޭނާގެ ދަރިފުޅު އިނާޔާ އާއި ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރާއި އެކު ގިނައިން ވަގުތު ހޭދަކޮށް ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ސޯހާ މިހާރު އާންމުކޮށް ކުރާ ކަމެކެވެ.
އެ ލިސްޓަށް އިތުރުވާން މިއުޅެނީ އަނެއްކާވެސް އެހެން ބަތަލާއެއްގެ ދަރި އެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ވިހޭ އީޝާ ޑިއޯލް އެވެ. އީޝާ ވަނީ އޭނާގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯ ސަޕޯޓަރުންނާއި ހިއްސާކޮށްފައި އެވެ. ރާދްޔާ ޓަކްތާނީގެ ނަން ކިޔާފައިވާ އީޝާގެ ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމު ކުރުމަށް ފަހު ބުނެފައިވަނީ މިއީ އޭނާގެ ދަރިފުޅު ކަމަށެވެ.
ރާދްޔާގެ މިފޮޓޯއަށް ގިނަ ބޮލީވުޑް ތަރިން ވަނީ ތައުރީފުކޮށްފައި އެވެ.
މީގެ ކުރިން ވަނީ ރާދްޔާއަށް މަހެއް ވުމުން ފައިގެ ނިޝާން ތަކާއި އެކު އިން ބޯޑެއް އިންސްޓަގްރާމްކޮށް ކުއްޖާއަށް އެއް މަސްވިކަން ހާމަކޮށްފައި އެވެ.
ކުއްޖާ ލިބުނު ފަހުން އެހެން ތަރިންނެކޭ އެއްގޮތަށް އީޝާ ޑިއޯލްވެސް ގެންދަނީ ދަރިފުޅަށް އިސްކަން ދޭކަން ހާމަ ކުރަމުންނެވެ. އެގޮތުން މީޑީއާއިން ސުވާލު ކުރުމުން ބުނެފައިވަނީ މިހާރު ފިލްމު ކުޅެން އެނބުރި ބޮލީވުޑަށް އައުމަށް ވުރެ އޭނާ އިސްކަން ދެނީ ދަރިފުޅު ބެލުމަށް ކަމަށެވެ.
އީޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި "ކިލް ދެމް ޔަންގް" އިންނެވެ. މިއަހަރު އޭނާގެ ކުރު ފިލްމެއް ކަމަށްވާ "ކޭކް ވޯކް" ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް