ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ބައިވެރިއެއްގެ ގޮތުގައި މ. ވޭވަށް، ފެހިފާރުދާގެ އަޝްރަގް ނާޒިރު ހޮވިއްޖެ އެވެ.
"ނޫރުލް މުބީން" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީ، ޤުރުއާނާ ބެހޭ މަރުކަޒު އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި 11 ގައުމަކުން ބައިވެރިވާނެ އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވި އޮޑިޝަންގައި 33 މީހަކު ބައިވެރިވާން ފޯމް ހުށަހެޅި ނަމަވެސް، އޮޑިޝަންގައި ކިޔަވަން ދިޔައީ އަށް މީހުން ކަމަށެވެ. އޭގެ ތެރެއިން އަޝްރަގް ހޮވުނީ އޮޑިޝަންގައި ބައިވެރިވެ، ކިޔެވި މީހުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދައިގެން ކަމަށް އެ މަރުކަޒުން ބުނެ އެވެ.
އަޝްރަގަކީ އިސްލާމީ ޔުނިވާސިޓީން ބެޗްލާސް އޮފް ޓީޗިން ޤުރުއާން ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ފަށާފަ އެވެ.
ނޫރުލް މުބީން" ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އިން 15 އަށެވެ. މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވާ މިއަހަރުގެ ފުރަތަމަ ރޯދަ މަސް އިހްޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް ބާއްވާ މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 30،000 ޑޮަލަރު، ދެވަނައަށް ދާ ފަރާތަކަށް 15،000 ޑޮލަރު އަދި ތިން ވަނައަށް ދާ ފަރާތަކަށް 5،000 ޑޯލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި މުބާރާތުގެ ކޮންމެ ބައިވެރިއަކަށް ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އިނާމެއް ލިބޭނެ އެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ގާރީންނެވެ. މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ، ސައުދީ އަރަބިއްޔާ، ސްރީލަންކާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސޫދާން، ތުރުކީ، މިސްރު، ޔޫއޭއީ އަދި މެލޭޝިޔާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް