ރާއްޖޭގައި ސިޔާސީ ފޯރި މިވަނީ ގަދަވެފަ އެވެ. ރިޔާސީ އިންތިހާބު އޮތީ ބޯމަތީގަ އެވެ. އެއްބަޔަކު ކެމްޕޭނު މެކުހަށް ޖަހާފައިވާއިރު އަނެއް ބަޔަކު ފަލި ޖަހަނީ ކެނޑިޑެސީ ކަށަވަރު ކުރެވޭތޯ އެވެ.
ސިޔާސީ ކެމްޕޭނުގައި އެންމެ ބުރަކޮށް އުޅޭތައް ފެންނަނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެވެ. އެކަމަނާ އެ ގެންދަވަނީ ރަށް ރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. ދޮރުން ދޮރަށް ހިންގަވަމުންނެވެ. ރިޔާސީ އަސްލު ކެނޑިޑޭޓަކީ އެކަމަނާއޭވެސް ބައެއް ފަހަރު ހީވެ އެވެ.
މެޑަމް ފާތުން އިއްޔެ މާލޭގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލާފައިވާއިރު މީސްމީޑިއާގައި މިވަނީ ފޮޓޯތަކެއް ދައުރުކުރަން ފަށާފަ އެވެ. އެއީ އިސް ތިން ރައްވެއްސެއްގެ އަރިހުގައި މެޑަމް ފާތުން ގޮނޑިއެއްގައި އިންނެވި އިރު ފައިވާންކޮޅު ތުރުކުރައްވައިގެން އިންނަވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. އެކި ކުލަ ކުލައިން ބޮޅު އަޅަމުން އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ފަތުއަޑު އިއްވާފައި ދައުރުކުރަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެ ފޮޓޯތަކަށް ފާޑު ކިޔަމުންނެވެ.
ދެން އޮތީ މަންޒަރުގެ އަނެއް ފަރާތެވެ. މެޑަމް ފާތުންގެ އެ ފޮޓޯތައް ބޮޅު އަޅައި ސޯޝަލް މީޑިއާގައި ދައުރު ކުރަން ފެށުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިވަނީ ތާރީހުން ފޮޓޯއެއް ހޯދައި ބޮޅު އަޅައި މީސްމީޑިއާގައި ދައުރުކުރަން ފަށާފަ އެވެ.
އެއީ ވެރިކަމުގައި ހުންނެވި އިރު ރައީސް ނަޝީދު ގެއަކަށް ޒިޔާރަތް ކުރައްވައި، އިސް ރައްވެއްސެއްގެ އަރިހުގައި އިށީނދެވަޑައިގެން އިންނެވި ފޮޓޯ އެކެވެ. އެ ފޮޓޯއިން ފެންނަނީ ރައީސް ނަޝީދު ބޫޓުކޮޅު ތުރުކުރައްވައިގެން އިންނަ މަންޒަރެވެ. ނަމަވެސް އެ ފޮޓޯގެ ދިފާއުގައި އިދިކޮޅު ސަޕޯޓަރުން ބުނަނީ ރައީސް ނަޝީދު ބޫޓުކޮޅާއެކު އެގެއަށް ވަނީ އިޒުނަ ލިބިގެން ކަމަށެވެ.
ވީއިރު މެޑަމް ފާތުން އެ ގެއަށްވަދެ އެ އިނީ އިޒުނަ ހޯދައިގެންތޯ ނުވަތަ ނޫންކަން އެނގެނީ ކިހިނެއްތޯ އެވެ.
ކޮންމެއަކަސް ރެއިން ފެށިން މި ދެފޮޓޯ މި އަންނަނީ ފަތުއަޑު ކިޔާފައި މީސްމީޑިއާގައި ދައުރު ކުރަމުންނެވެ. ދެކޮޅުންވެސް އަންނަނީ އެޅުނު ވަރަކަށް ބޮޅު އަޅައި ކުރެވުނު ކޮމެންޓެއް ކުރަމުންނެވެ. ރިޔާސީ ކެމްޕޭނަކާއި ކުރިމަތިލާއި މިފަދަ ކިތަންމެ ކިތަންމެ މަންޒަރެއް ފެންނާނެކަން ޔަގީނެވެ. ބަލަން ތިބެމާ ހެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް