ލ އަތޮޅު ތަޢުލީމީ މަރުކަޒުގެ 35 ވަނަ އަހަރީ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށްފި

ލ އަތޮޅު ފޮނަދޫގައި ހިންގަމުން އަންނަ އެ އަތޮޅު ތައުލީމީ މަރުކަޒަށް 35 އަހަރު ފުރުން، ކުލަ ގަދަ ގޮތެއްގައި އިއްޔެ ފާހަގަ ކޮށްފި އެވެ. އެގޮތުން އިއްޔެގެ ހަރަކާތްތައް ފަށާފައިވަނީ ފަތިސް ނަމާދުންނެވެ. ފ...

07 May 2018 | 22:59

ލ އަތޮޅު ފޮނަދޫގައި ހިންގަމުން އަންނަ އެ އަތޮޅު ތައުލީމީ މަރުކަޒަށް 35 އަހަރު ފުރުން، ކުލަ ގަދަ ގޮތެއްގައި އިއްޔެ ފާހަގަ ކޮށްފި އެވެ.

އެގޮތުން އިއްޔެގެ ހަރަކާތްތައް ފަށާފައިވަނީ ފަތިސް ނަމާދުންނެވެ. ފިރިހެން ދަރިވަރުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކޮށްފައިވާއިރު އަންހެން ދަރިވަރުން ފަތިސް ނަމާދު ކޮށްފައިވަނީ ސްކޫލުގައި އެވެ. ފަތިސް ނަމާދަށްފަހު ޚަތިމް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާއިރު ދުޅަހެޔޮ ސިއްހަތަކަށް ދަރިވަރުންނަށް ބާރުއެޅުމުގެ ގޮތުން ކަސްރަތު ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައި ވެ އެވެ.

ދަރިވަރުންގެ ހެނދުނުގެ ނާސްތާވެސް ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާއިރު ރަށުތެރެ ސާފުކޮށް ބޭއްވުމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ރަށުތެރެ ސާފު ކުރުމުގެ ހަރަކާތެއްވެސް ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ އެސެމްބްލީއެއް ސްކޫލުގައި ބާއްވާފައިވާއިރު މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އައްޝައިޚް މުހައްމަދު ހަލީމް އެވެ.

މި ހާއްސަ އެސެމްބްލީގައި ނިމިދިޔަ އަހަރު ސްކޫލުގެ މުވައްޒަފުންގެ ތެރޭން 90 އިންސައްތައަށްވުރެ މަތިން އެޓެންޑެންސް ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފައި ވެ އެވެ. އަދި އަހަރީ ދުވަހަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ލޯގޯ ފަރުވާ ކުރުމުގެ މުބާރާތަށް އެންމެ ފުރިހަމަ ލޯގޯ ހުށަހެޅި ދަރިވަރަށް ހަނދާނީ ލިޔުން ދީފައި ވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި ސްކޫލުގެ ސީނިއަރ ޓީޗަރ، ލީޑިން ޓީޗަރ އައިޝަތު ޒުހުރުބާންގެ ވާހަކަފުޅުގައި ފާއިތުވި 35 އަހަރު ސްކޫލަށް ލިބިފައިވާ ކުރިއެރުން ފާހަގަ ކުރެއްވި އެވެ. މި ސަރުކާރުން ސްކޫލުގެ ތަރައްގީއަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކަށް އެޑިއުކޭޝަން މިނިސްޓްރީ އަށާއި ރައީސުލްޖުމްހޫރިއްޔާއަށް ސްކޫލު އަދާކުރެއްވި އެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މީގެ 35 އަހަރު ކުރިން، ނުވަތަ އެ ސްކޫލުގެ އެންމެ ކުރީގެ އަހަރުތަކުގައި ކިޔެވުން ކުރިއަށްދިޔަ ގޮތާއި އުނގެނުމަށްޓަކައި ދަރިވަރުން އުފުލި ބުރައާއި ތަކުލީފަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ. އަދި މިޒަމާނުގައި ޓެކްނޮލޮޖީ އާއި ވަސީލަތްތައް އިންތިހާއަށް ކުރިއަރާފައިވާ ބީދައިން ދަރިވަރުންގެ ސިކުނޑިވެސް ތަނަވަސްވާން ޖެހޭކަމުގައި ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އެ ހާއްސަ އެސެމްބްލީގައި ސްކޫލުގެ އަހަރީ ދުވަހުގެ ކޭކް ފަޅާފައިވާއިރު ސްކޫލުގެ ވެބްސައިޓް އިފްތިތާހް ކޮށްފައި ވެ އެވެ. ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އެސެމްބްލީގެ ޝަރަފްވެރި މެހެމާން އެވެ.

އެސެމްބްލީއަށްފަހު ސްކޫލުގެ މުވައްޒަފުން ރަށުގެ ގޭބިސީތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާއިރު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ ބައިވެރިވުމާއިއެކު ހާއްސަ ކުޅިވަރު ހަރަކާތްތަކެއް ހަވީރު 04:00 އިން 05:00 އަށް ސްކޫލުގައި ކުރިއަށް ގެންގޮސްފައި ވެ އެވެ.

ލ އަތޮޅު ތައުލީމީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ 1983 ވަނަ އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު އެވެ. އަމިއްލަ ރަށާއި އަތޮޅުގައި ތިބެގެން ޕްރައިމަރީ އަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުން އެއީ މުޅި ލާމު އަތޮޅު އުފަލުން ފޮޅިގެން ދިޔަ ސަބަބެއް ކަމުގައި އޭރު ވެގެންދިޔަ އިރު ވޭތުވެ ތިޔަ 35 އަހަރު ވެގެން ދިޔައީ ރާއްޖޭއަށް ތައުލީމީ ގޮތުން އެތަކެއް ކުރި އެރުންތަކެއް ލިބިގެން ދިޔަ އަހަރުތަކަކަށް ކަމުގައި އެ ސްކޫލުން ފާހަގަ ކުރެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ ކުރިއެރުމަކަށް ލ އަތޮޅު ތައުލީމީ މަރުކަޒުން މަރުހަބާ ކިޔަމުން އަންނައިރު ޕްރައިމައީ ލެވެލް އަށް ކިވަދޭން ފެށި ސުކޫލް މިހާރު ވަނީ ތަފާތު ތިން ސްޓްރީމް އަކާއެކު އޭ.ލެވެލް އާއި ހަމައަށްކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފަ އެވެ. ސުކޫލްގެ ބައު އިމާރާތްތައް އައުކޮށް، އިތުރު އައު އިމާރާތްތައް އަޅައި، ސުކޫލްގެ ޖާގަ ބޮޑުކޮށްފައިވާއިރު ކުރިން ދެ ދަންފަޅިއަށް ކިޔަވައިދެމުން ދިޔަ ދިއުން މިހާރު ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް