ދެ ހަފުތާއަށް ހަނގުރާމަ ހުއްޓައިލަން އެމެރިކާ އަދި އީރާނުން އެއްބަސްވެއްޖެ - ސަބަބަކަށްވީ ޗައިނާ އަދި ޕާކިސްތާން !

ފަސް ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައަށް ފަހު، އެމެރިކާ އާއި އީރާނު ދެ ހަފުތާގެ ސީޒްފަޔާއަކަށް އެއްބަސްވެ، ހޮރްމުޒް ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވައިލުމަށް އީރާނުން އެއްބަސްވެއްޖެ...

08 Apr 2026 | 02:12
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އީރާނުގެ އައު ލީޑަރު މޮޖްތަބާ ޚާމަނާއީ -

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އީރާނުގެ އައު ލީޑަރު މޮޖްތަބާ ޚާމަނާއީ -

ފަސް ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައަށް ފަހު، އެމެރިކާ އާއި އީރާނު ދެ ހަފުތާގެ ސީޒްފަޔާއަކަށް އެއްބަސްވެ، ހޮރްމުޒް ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވައިލުމަށް އީރާނުން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރޫތް ސޯޝަލްގައި އިއުލާންކުރީ، ހޮރްމުޒް ކަނޑުއޮޅި "ފުރިހަމައަށް، ވަގުތުން، ރައްކާތެރިކަމާ އެކު" ހުޅުވައިލުމާ އެކު ދެ ހަފުތާގެ ހުއްޓުމަކަށް އެއްބަސްވެފައިވާ ކަމަށެވެ. ޓްރަމްޕް ބުނީ އީރާނުން ހުށަހެޅި 10 ނުކުތާގެ ސުލްހައިގެ ޕްރޮޕޯޒަލަކީ "މަޝްވަރާ ކުރެވޭ ވަރުގެ އަސާސެއް" ކަމަށެވެ. މި އިއުލާން އައީ ޓްރަމްޕް ދީފައިވާ މުހުލަތު ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ބުނީ ދެ ހަފުތާގެ މުއްދަތުގައި، އީރާނުގެ ސިފައިންނާ ކޯޑިނޭޓް ކޮށްގެން ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ކަމަށެވެ. ޗައިނާގެ އެންމެ ފަހު ވަގުތުގެ ބާރުއެޅުމާ އެކު އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނައީ ސީޒްފަޔާ ގަބޫލުކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސީޒްފަޔާގެ ދަށުން ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ރަސްމީ މަޝްވަރާތައް ފެށޭނެއެވެ.

މި ސީޒްފަޔާ އައީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެ ހަފުތާއަށް މުހުލަތު އިތުރުކޮށް، އެ މުއްދަތުގައި ކަނޑުއޮޅި ހުޅުވައިލުމަށް ގޮވާލެއްވުމާ ގުޅިގެންނެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަމަލާތަކަށް ފަހު ކަނޑުއޮޅީގެ ދަތުރުފަތުރު %90 އަށް ވުރެ ބޮޑަށް ދަށްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އައިސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް