ސާނަވީ ތައުލީމު ނިންމާ ކުރާނެ މަސައްކަތެއް ނެތިފައި ތިބި ޒުވާނުން މި ކުޑަ މުޖުތަމައުގައި ގިނަ އެވެ. ސްކޫލުގެ އެންމެ ފަހު ދުވަހުން ފެށިގެން ވަޒީފާއެއް ނުލިބިފައި މަގުމައްޗައް ގިނަވެފައި ތިބޭ ޒުވާނުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
މިފަދަ ކުދިން ގިނަވަނީ ތައުލީމީ ގާބިލްކަން ނެތުމުން ހެއްޔެވެ. ސްކޫލު ނިމުނު އިރު ރަނގަޅު ނަތީޖާއެއް ލިބިފައި ނެތީމަ ހެއްޔެވެ. ނޫނީ މަތީ ވަޒީފާއެއް ނުލިބިދާނެތީ ދަށް ވަޒިފާތަކަށް ކުރިމަތިނުލާން ދިބެނީ ހެއްޔެވެ.
މިއީ ކުރަން ޖެހޭ ސުވާލުތަކެއް ނޫންކަން އުމުރުން އެންމެ 16 އަހަރުގައި މި ކުޅަދާނަ މަސްވެރިޔާގެ ހިތްވަރާ ކެރުމާއެކު ބުނެދީފިއެވެ. މަސައްކަތެއް ކުރުމަށް ތައުލީމީގޮތުން މޮޅު މީހަކަށް ވާން ނުޖެހޭކަން ސާބިތު ކޮށްދީފި އެވެ.
ލ. ގަމަށް އުފަން މުޝްޚަފް މުފީދަކީ މިހާރު ކުޅަދާނަ މަސްވެރިއެވެ. މަޖަލަކަށް ބައްޕަ އާއި އެކު މަސްވެރިކަމަށް ފުރަތަމަ ކަނޑުމައްޗައް ނުކުތް ދުވަހުން ފެށިގެން މަސްވެރިކަމަށް ލޯބިޖެހުނު މުޝްޚަފް އަކީ މިހާރު އެ ދޯނީގެ ފާހަގަކޮށްލެވޭ މަސްވެރިއެކެވެ.
ލ.ގަމުގައި ހުންނަ އިހައްދޫ ސްކޫލުން ސާނަވީ ތައުލީމު ފުރިހަމަކޮށް ލ.ގަމުގެ “މިޔަވާލި” ދޯނީގައި މަސްވެރިކަމަށް ނުކުތް މުޝްޚަފް އަށް މަސްވެރިކަމަށް ނުކުތް އިރު ދޯނިމަތީގައި ކުރަންޖެހުނު މަސައްކަތްތަށް ނޭނގެ އެވެ. މިހާރު މުޝްޚަފް ނޭނގޭ މަސައްކަތެއް މަސްވެރިކަމުގައި އެހެން ފަޅުވެރިންނަކަށްވެސް ނޭނގޭނެއޭ ބުނެވި ދާނެއެވެ. ބައްޕަ ކައިރިންނާއި ފަޅުވެރިން ކައިރީ އަހާ އޮޅުން ފިލުވައިގެނާ އެހެން މީހުން ކުރާ މަސްކަތްތައް ބަލައިގެން މުސްޚަފް މި މަސައްކަތްތައް ދަސްކުރިއެވެ.
މަސްވެރިކަމުން ކޮންމެ މަހަކު 14،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް މުޝްހަފް ހޯދައެވެ. މިދިޔަ އަހަރު ސްކޫލް ނިންމި މުޝްޚަފް މިދިޔަ ހަތަރު މަސްދުވަހު މިހާތަނަށް 59 ދުވަހު މަސްވެރިކަމަށް ކަނޑުމައްޗަށް ނިކުމެފައި ވެއެވެ.
މުޝްޚަފް މިސާލަކަށް ނަގައިގެން ޒުވާނުން މަސްވެރިކަމަށް ނުކުންނަންވީއެވެ. މި މަސައްކަތަކީ ވަކި އުމުރަކަށް ވަކި މީހަކަށް ކުރެވޭނެ ހަޑި މަސައްކަތެއް ނޫންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް