ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު – ގޮތް ނިންމާނީ ރައީސް ރުހޭނަމަ: ނަޝީދު

ރާއްޖެއަށް އަދިވެސް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށާއި ނަމަވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރުހުން ނެގި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން މަސައްކަތް ނުކުރައްވާނެ ކަމުގައި ކުރީގެ ރައީސ...

08 Apr 2019 | 17:54

ރާއްޖެއަށް އަދިވެސް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށާއި ނަމަވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރުހުން ނެގި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން މަސައްކަތް ނުކުރައްވާނެ ކަމުގައި ކުރީގެ ރައީސް އަދި އިންތިހާބީ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު މިހެން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޕީއެސްއެމަށް މިރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް އުނދަގޫފުޅުވާ ގޮތަކަށް އެކަހަލަ ކަމެއް ކުރާކަށް ދުވަހަކުވެސް ނޫޅޭނެ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ވެރިކަމުގައިވެސް މަޖިލީހުގައިވެސް ތިބީ އެމްޑީޕީއަށް ވުމެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރުމުގެ ނިޒާމު މިހާރު އޮތް ގޮތަށް އޮތަސް އެމްޑީޕީއަށް އެކަމުން ވާ އުނދަގުލެއް ނެތްކަމަށެވެ.

ރާއްޖެއަށް އަދިވެސް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމް ރާއްޖެއަށް ތައާރަފްވެގެން އަންނަން ޖެހޭނީ އެމްޑީޕީގެ އެކި އެކި ގޮފިތަކުގައިވެސް މަޝްވަރާ ކުރެވި ޕާޓީގެ ކޮންގްރެސްގައިވެސް އަދި ޕާޓީގެ އެހެނިހެން ގުނަވަންތަކުގައިވެސް މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހުގައިވެސް އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ފަށައިގަންނަންވާނީ ރައީސް ސޯލިހްގެ އިޒްނަ އައި ރުހުންވެސް އަދި ހިތްވެސް އޮވެގެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މިރޭ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވާނެ ކަމަށް ވާހަކަ ދެކެވެމުން ދިޔައެވެ. އެ ވާހަކަ އެންމެ ގަދަޔަށް ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ގާސިމް ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ އަމާޒަކީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރު ކަމަށް އައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް