"ނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީ، ޤުރުއާނާ ބެހޭ މަރުކަޒު އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި 11 ގައުމަކުން ބައިވެރިވާނެ އެވެ. "ނޫރުލް މުބީން" ނަމުގައި ބާއްވާ ގުރުއާން މުބާރާތް އޮންނާނީ އަންނަ މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅވީ ބައިވެރިވާ ކޮންމެ ގައުމަކުން މުބާރާތުގައި ކިޔަވާނީ އެއް ބައިވެރިއަކު ކަމަށެވެ. ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅަން، އަންނަ މަހުގެ ފުރަތަމަ ދުވަހު އޮޑިޝަނެއް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮންނާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 30،000 ޑޮަލަރު، ދެވަނައަށް ދާ ފަރާތަކަށް 15،000 ޑޮލަރު އަދި ތިން ވަނައަށް ދާ ފަރާތަކަށް 5،000 ޑޯލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި މުބާރާތުގެ ކޮންމެ ބައިވެރިއަކަށް ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އިނާމެއް ލިބޭނެ އެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ގާރީންނެވެ. މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ، ސައުދީ އަރަބިއްޔާ، ސްރީލަންކާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސޫދާން، ތުރުކީ، މިސްރު، ޔޫއޭއީ އަދި މެލޭޝިޔާ ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް ބާއްވާ ޤުރުއާން މުބާރާތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް