ބުންޑަސް ލީގާގައި ރޭ އޯސްބާގް 4-1 އިން ބަލިކޮށް ބަޔާން މިޔުނިކުން ޖެހިޖެހިގެން 6 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގެ ޝަރަފުވެރި ރެކޯޑެއް ގާއިމް ކޮށްފިއެވެ.
ހަފުތާ މެދުތެރެއިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސެވިއްޔާއާ ދެކޮޅަށް ނުކުންނަން ޖެހޭތީ ރޭގެ މެޗަށް ބަޔާންގެ ކޯޗު ހެއިންކެސް ވަނީ ބައެއް މުހިންމު ކުޅުންތެރިން ބެންޗްކޮށްފައެވެ.
ނިކްލަސް ސޫލޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު، މުހިންމު ކުޅުންތެރިން ނުލާ ފެށި ބަޔާންއަށް އެކަމުގެ ހިތި ފެނިދާނެކަމަށް ބެލެވުނު ނަމަވެސް، ބަޔާން މިޔުނިކުން ވަނީ މާކަ ގިނައިރުތަކެއް ނުވެ ނަތީޖާ އަނބުރާލާފައެވެ.
32 ވަނަ މިނިޓުގައި ޓޮލިއްސޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ނަތީޖާ ހަމަހަމަވިއިރު، އޭގެ 6 މިނިޓު ފަހުން ޖޭމްސް ރޮޑްރިގޭޒް ޖެހި ލަނޑާއެކު ބަޔާންއަށް ލީޑު ލިބުނެވެ.
ބަޔާންއިން ފަސޭހަ ކަމާއެކު މެޗުން މޮޅުވެ ޗެމްޕިއަންކަން ކަށަވަރު ކުރީ ދެ ވަނަ ހާފުގައި އާޔެން ރޮބެން އާއި ސެންޑްރޯ ވީނާ ކާމިޔާބުކޮށްދިން ލަނޑުތަކާއެކުގައެވެ.
ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބް ބަޔާން މިޔުނިކުން މި ސީޒަންގެ ލީގު ކަށަވަރު މި ކުރީ ބާކީ 5 މެޗު އޮއްވައެވެ. ލީގު ލިބުމާއެކު ބަޔާން މިޔުނިކްގެ މިހާރުގެ އަމާޒަކީ ޗެމްޕިއަންސް ލީގާއި ޖަރުމަން ކަޕް ކާމިޔާބުކޮށް 2013 ގެ ފަހުން ފުރަތަމަ ފަހަރަށް 3 ތަށްޓާއެކު ސީޒަން ނިންމާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް