ޕްރިމިއާ ލީގުގައި ރޭ މަޝްހޫރު މެންޗެސްޓާ ޑާބީ މެޗުގައި ސިޓީން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައި ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.
އެއް ސިޓީއަކަށް ނިސްބަތްވާ އެންމެ ބޮޑު ވާދަވެރިޔާ ބަލިކޮށް، ބާކީ 6 މެޗު އޮއްވާ އިނގިރޭސި ޕްރިމިއާ ލީގު ކަށަވަރު ކުރެވެން އޮތްނަމަވެސް ސިޓީއަށް ވަނީ އެކަން ނުކުރެވި ލީގު ކަށަވަރު ކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. ރޭގެ މެޗަށްފަހު ތާވަލުގެ އެއް ވަނައިގައި ކުޅުނު 32 މެޗުން ލިބުނު 84 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، ޔުނައިޓެޑު ދެ ވަނައިގައި އޮތީ 32 މެޗުން ހޯދި 71 ޕޮއިންޓާއެކުގައެވެ.
މެންޗެސްޓާ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފުގައި ސިޓީން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު، ގޯލު ހުޅުވާލަދިނީ އެ ޓީމުގެ ޑިފެންޑަރ ކޮމްޕެނީއެވެ. މެޗުގެ 25 ވަނަ މިނިޓުގައި ކޮމްޕެނީ ލަނޑު ޖެހިއިރު، 30 ވަނަ މިނިޓުގައި ގުންޑޮގާން ޖަހައިދިން ލަނޑާއެކު ސިޓީން ލީޑު ފުޅާ ކުރިއެވެ.
ފުރަތަމަ ހާފު 2 ލަނޑުގެ ލީޑަކާއެކު ނިންމާލުމުން، ސިޓީއަށް ލީގު ކަށަވަރުވާނެކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ހާފުގައި ސްޓާލިން އާއި ގުންޑޮގާންއަށް ލިބުނު ގިނަ ފުރުސަތުތަކެއް ނިންމާ ނުލެވުންވީ ސިޓީގެ ބަދު ނަސީބު ކަމަށެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނިޓުގައި ޔުނައިޓެޑުން ލަނޑެއް ޖަހާ ސިޓީގެ ލީޑު ހަނިކޮށްލިއެވެ. މި ލަނޑު ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕައުލް ޕޮގްބާއެވެ. އޭގެ ދެ މިނިޓު ފަހުން ޕޮގްބާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ފަހަތުން އަރާ ޔުނައިޓެޑް މޮޅުވި ލަނޑު ޖަހައިދިނީ މެޗުގެ 69 ވަނަ މިނިޓުގައި ކުރިސް ސްމޯލިން އެވެ.
ޔުނައިޓެޑުން ސިޓީއަށް އިތުރު އިންތިޒާރެއް ކުރަން ޖެއްސިއިރު، ފާއިތުވި ހަފުތާގައި ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން ލިވަޕޫލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން އެ ނަތީޖާ އަނބުރާލުމުގެ އުންމީދުގައި ތިބި ސިޓީގެ ކުޅުންތެރިންނާއި ކޯޗަށް ޔުނައިޓެޑް މެޗުން ލިބުނު ނަތީޖާއަކީ އިތުރު ބޮލު ރިހުމަކަށް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް