ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، އެއް ދުވަހާ 700 ޓަނުގެ މަސް ކިރުވައިފި

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިކްފޯއިން ބުނެފި އެވެ. އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ...

08 Apr 2018 | 09:42

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިކްފޯއިން ބުނެފި އެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްކޮށް އޮތުމަށްފަހު ވޭތުވެދިޔަ ދެ ދުވަހު ރެކޯޑު އަދަދަކަށް މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. ހާއްސަކޮށް މަސްވެރިކަމަށް ދެ ދުވަސްތެރޭ ކުރިއެރުން ލިބިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް ބުނެ އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެކަނި ކޫއްޑޫއަށް 400 ޓަނުގެ މަސް ކިރުވާފައިވާއިރު އެ ކުންފުނީގެ ބޯޓު ފަހަރަށް 300 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އަދި މިހާރު އެވްރެޖު ގޮތެއްގައި ދޯންޏަކުން 15 ޓަނާއި 43 ޓަނުގެ މަސް ކިރުވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ، މަސްވެރިކަން ރަނގަޅުވަމުން ދާއިރު މިފްކޯއިން މަސްވެރިކަމަށް ތައްޔާރު ވެފައިވާކަމަށެވެ. އަދި މިފްކޯގެ ފުލް ކެޕޭސިޓީގައި މަސްވެރިންބާނާ މަސްތައް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.

ކުއްލިއަކަށް މަސްވެރިކަން ރަނގަޅުވުމުން މަސްވެރިންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް ހިދުމަތްތައް ދިނުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މަސްކިރުމާއި މަސްވެރިންނަށް ބޭނުންވާވަރަށް އައިސް ވިއްކުމުގައި ބައެއް ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

އެކަމަކު މިފްކޯއިން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިން ބާނާމަސް ތާޒާކަމާއެކު ކިރުވައި މަސްވެރިކަމުގެ ފުރިހަމަ މަންފާ ހޯދައިދިނުމަށް ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް