ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކްލިނިކް ރަސްމީކޮށް ހުޅުވައިދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެ ކްލިނިކްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 1:00 ން 3:00 އަށް ކައުންސިލިން ދޭނެ އެވެ.
އަދި ޑޮކްޓަރު ބަލިމީހުން ބެލުން ހަފްތާގެ ތިން ދުވަހަކު ކުރިޔަށް ދާނެ އެވެ. މި ކްލިނިކް ހުޅުވާފައިވަނީ އެ ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓުގައި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެގެން އަމިއްލައަށް އަންނަ މީހުންނަށާއި، އެކި ޑޮކްޓަރުންގެ ލަފާގެ ދަށުން ހިދުމަތް ހޯދަން އަންނަ މީހުންނަށާއި އަދި ހޮސްޕިޓަލުގައި އެޑްމިޓު ކުރެވޭ ބަލިމީހުންނަށްވެސް މި ކްލިނިކުން ފަރުވާ ހޯދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް