ރައީސް ޔާމީން ދޫކޮށްލަން ގާސިމް ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް،...

08 Mar 2019 | 18:52

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް، އަލްހާން ފަހުމީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވ.

ގާސިމް ވިދާޅުވީ ވާނުވާ ޖަހާފައި ޖަލުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ގަބޫލުފުޅު ކުރައްވާކަމެއް ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ފުލުހުން އިންޓެލިޖެންސް ރިޕޯޓް ހަދާގޮތް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ދެ ފުލުހަކު ރިޕޯޓު ހަދައި ދޮގު ހުވާކޮށް ބަޔާން ދިން ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އަނިޔާވެރި ނުވާނެ ކަމަށްބުނެ ރައީސް ޔާމީން ޖަލަށް ލައިގެން ނުބޭންދޭނެ ކަމަށެވެ. ދޫކުރުމަށް ތަކުރާރުކޮށް ގާސިމް ގޮވާލެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރަނގަޅަސް އަދި ނުބަޔަސް ގައުމަށް އެހާ ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅުން އެގޮތަށް ޖަލަށް ލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ކުށް ސާބިތުވެއްޖެ ނަމަ ޖަލަށް ލުމުގައި މައްސަލައެއް ނެތްކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

މިއީ ރައީސް ޔާމީން ދޫކޮށްލަން ގާސިމް ފާޅުގައި ގޮވައިލެއްވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް ޖަލަށް ލާފައިވާއިރު ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ ގާސިމްވެސް ހިމެނޭ ކޯލީޝަނަކުންނެވެ. ނަމަވެސް ގާސިމްގެ ބަސްމަގު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް