އައްޑޫ ސިޓީއަށް 5.3 ބިލިއަންގެ މަޝްރޫއުތަކެއް

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް އައްޑޫ ސިޓީގެ ހާއްސ...

08 Mar 2019 | 18:48

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް އައްޑޫ ސިޓީގެ ހާއްސަ މަޝްރޫޢުތައް އިއުލާން ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް އައްޑޫ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައެވެ.

އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމު ތަރައްގީ ވާނީ މާލެ ސިޓީ ނޫން އެހެން ތަންތަން ވެސް ތަރައްގީ ކޮށްގެން ކަމަށާއި އައްޑޫއަށް ސަރުކާރުގެ އޮތް ތަސައްވަރު ވަރަށް ބޮޑު ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އައްޑޫއަށް ތަރައްގީ ގެނައުމަށާއި އެ ސިޓީއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އައްޑޫގައި ހިންވަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫޢުތަކުގެ ތެރޭގައި 17 ކިލޯ މީޓަރުގެ މަގު ހެދުމާއި 8،000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމާއި ބިން ހިއްކުމާއި އައްޑޫ ސިޓީގެ ޕޯޓް ބައިނަލް އަޤްވާމީ ފެންވަރަށް ތަރައްގީ ކުރުމާއި މަސް ބަނދަރަކާއި މަސް ޕްރޮސެސް ފެކްޓްރީއެއް ގާއިމް ކުރުން ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިީޓގެ ކަރަންޓަށް މައްސަލަ ހައްލު ކުރުމަށް ޕްރޮޖެކްޓެއް ހިންގުމާއި ސްޕޯޓްސް ކޮމްޕްލެކްސް އަކާއި ސްވިމިން ޕޫލާއި ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި 2000 މީހުންގެ ޖާގައިގެން މިސްކިތަކާއިއެކު އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް