ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ދެ ޖަމިއްޔާއަކީ 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އެވެ.
މިއަދު ހެނދުނު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައި މި ދެ ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީންއެވެ. މި ހަފްލާގައި ބީއެމްއެލްގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ. ފެމިލީ ލީގަލް ކްލިނިކް އާއި ވިމެން އިން ޓެކް އަށް ބޭންކުގެ ފަރާތުން ވަނީ ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައިހިންގުމަށެވެ.
މިއަދު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުން ފޯރުކޮށްދޭ އެހީތެރިކަމަކީ އަންހެނުން ކުރިއެރުމުވަށާއި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރުވަނިވި ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް ކަމަށެވެ. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގައި އައިޝަތު ނޫރައްދީންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހީވާގި އަންހެން ބޭފުޅުންނަށް ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް