ސެމްސަންގުން އެންމެ ފަހުން ނެރުނު އެ ކުންފުނީގެ ސެމްސަންގް ގެލެކްސީ އެސް 10، މެލޭޝިޔާގައި މިއަދު ވިއްކަން ފަށާފައިވާއިރު ފޯނު ގަންނަން ދަމާލި ކިއުގެ އެންމެ ކުރީގައި ތިބި ދެ ދިވެއްސެއްގެ ވާހަކަ މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން މެލޭޝިޔާގައި ކިޔަވަން ހުންނަ މުހައްމަދު އިތޯފް އަލީ ބުނެފައިވަނީ އޭނާ ކިއުއަށް އެރީ ފަތިހު 04 ޖެހި އިރު ކަމަށެވެ. ކިއުއަށް އެރީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައިވާ އަލީ ރިޝްވާން އާ އެކު ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ކިއުގެ ފުރަތަމަ 500 މީހުންގެ ތެރޭގައި އޭނާ ހިމެނުނީތީ ދެވަނަ ފޯނުގެ އަގުން މެލޭޝިޔާ ރިންގިޓުގެ 1000 އަގުހެޔޮވިކަމަށް ބުނެފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ގާތްގަނޑަކަށް 3700 ރުފިޔާއެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެސް 10 ގަންނަން ހާހެއްހާ މީހުން ކިއު ހެދިއެވެ. އަދި މެލޭޝިޔާގެ ތިން ސަރަހައްދެއްގައި މިއަދު މި ފޯނު ވިއްކަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މެލޭޝިޔާގައި އެސް 10 ވިއްކަން ފަށާފައިވާއިރު ރާއްޖޭގައި މިހާރު ވަނީ މި ފޯނު ޕްރީ އޯޑަރަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް