ކޮރަލް ބޮލެވާޑުން އިމާރާތް ކުރުމަށް، ރަސްފަންނާ ދިމާލުން ބަންދުކޮށްފައި އޮތް ސަރަހައްދު ޕާޓިޝަން ނަގައި، އެ ސަރަހައްދުން ދުއްވޭގޮތް ހަދަން ތައްޔާރުވެއްޖެއެވެ.
އެގޮތުން، ޖަހާފައިވާ ޕާޓިޝަންގެ މަގަށް ވާ ބައި މިހާރު އެއްކޮށް ނަގާފައިވާއިރު މި ތަން ހުޅުވާލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ބަންދުކޮށްފައިވާ އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ. ހުޅުވާލަން ނިންމީ އެހެންވެ ކަމަށާއި އަދި ރިންގު ރޯޑު ފުރިހަމަވާނީ އެ ސަރަހައްދު ހުޅުވާލުމުން ކަމުގައިވެސް ބުނެފައިވެއެވެ.
މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ސަރަހައްދަކީ އެޕާޓްމަންޓްތަކެއް އެޅުމަށް ކުރީގެ ސަރުކާރުން ކޮރެލް ބޮލެވާޑަށް ދީފައިވާ ސަރަހައްދެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި އެކަމުގެ މަޝްވަރާތައް ކޮރެލް ބޮލެވާޑާ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް