ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ސަރުކާރުގެ ގިނަ ސިއްރު މައުލޫމާތުތަކެއް އާންމު ކުރަމުންދާ ތައްޔިބު ޝަހީމްގެ ސިމް ކާޑު ފުލުހުންނަށް ބޭނުން ކުރެވޭގޮތް ހަދައި ދިނީ ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރުމުން ކަމަށް ދިރާގުން ބުނެފި އެވެ.
ތައްޔިބުގެ ސިމް ކާޑު އެހެން ބަޔަކު ބޭނުންކޮށް އޭނާގެ ސޯޝަލް މީޑީއާ އެކައުންޓުތަކަށް ވަންނަމުންދާ ކަމަށް ތުހުމަތުކޮށް އެކަމުގެ ތަފްސީލް ހޯދުމަށް އޭނާ އިއްޔެ ވަނީ ދިރާގަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ދިރާގުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ފުލުހުންނަށް ތައްޔިބުގެ ސިމް ބޭނުން ކުރުމުގެ ހުއްދަ ދިންކަން ދިރާގު މުވައްޒަފަކު ގުޅައި އޭނާއަށް އަންގާފައި ވާނެ ކަމަށެވެ.
މި މައްސަލައިގަ މިރޭ ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާއި ހިއްސާކޮށްފައިވާނީ އަދި ކުރިޔަށް އޮތްތާ ހިއްސާ ކުރާނީވެސް ގާނޫނީ ހަމަތަކުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ދިރާގުން އަމަލު ކުރަމުންދަނީ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން އަމަލު ކުރުމަށް ލާޒިމްކޮށްފައިވާ ގާނޫނާއި ގަވައިދުތަކުގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީން ދޫކުރާ ލައިސަންސްގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ.
މިހާރު ލަންކާގައި ދިރިއުޅޭ ތައްޔިބު ވަނީ ދިރާގުން އޭނާގެ ސިމް ބޭނުން ކުރުމުގެ ހުއްދަ ފުލުހުންނަށް ދިނުމުން ސޯޝަލް މީޑިއާގެ އެކައުންޓުތަކުގެ ޕާސްވޯޑު ބަދަލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް