މިއަދު ބަޔަކު ހައްޔަރު ކުރީ މާލެތެރޭގަ އަލިފާން ރޯކުރަން ރާވާތީ: ފުލުހުން

ފުލުހުން މިއަދު ބަޔަކު ހައްޔަރުކުރީ މަގުމަތިން ސަރުކާރު ބަދަލުކުރުމަށް، ރާވައިގެން މާލޭގެ ތަންތަނުގައި އަލިފާން ރޯކުރަން ރާވާކަމުގެ މައުލޫމާތު ލިބުމުން ކަމުގައި ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބ...

08 Mar 2018 | 15:59

ފުލުހުން މިއަދު ބަޔަކު ހައްޔަރުކުރީ މަގުމަތިން ސަރުކާރު ބަދަލުކުރުމަށް، ރާވައިގެން މާލޭގެ ތަންތަނުގައި އަލިފާން ރޯކުރަން ރާވާކަމުގެ މައުލޫމާތު ލިބުމުން ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ވަކި ސިޔާސީ ފަރާތްތަކަކަށް އަމިއްލަ މަންފާއެއް ހޯދުމަށް، ސަރުކާރު މަގުމަތިން ބަދަލުކުރުމުގެ ނިޔަތުގައި، ބަޔަކު މީހުން އެކި ސަރަހައްދުތަކަށް އެއްވުމާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން ހިތްވަރުދިނުމާ، މާލެތެރޭގެ ހަމަޖެހުން އިތުރު ކުރުމަށް ތަންތަނުގައި އަލިފާން ރޯކުރުމާ، ދައުލަތާއި އާންމުންގެ މުދަކަށް ގެއްލުން ދިނުމާ، އަދި އެކި އެކި ފަރާތްތަކަށް ފައިސާ ދީގެން އެކި ޒާތްޒާތުގެ ކުށްކުރުން ނުވަތަ މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމާ، މާލެތެރޭގެ އަމަންއަމާޏްކަން ނަގާލާ ބިރުވެރިކަން އުފެއްދުމަށް ރާވަމުނ އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"މިކަންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް މިދަނީ ކުރަމުން، އަދި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާކަން އަޅުގަނޑުމެން ފާހަގަކޮށްލަން" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މިކަންކަމާއި ގުޅިގެން ހަތަރު މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާނެ ކަމަށެވެ.

ޝިފާން ހާމަކުރެއްވި ގޮތުގައި ހައްޔަރު ކޮށްފައިވަނީ ހަސަން އަހުމަދު، ރ އަލިފުށި ހަޒާރީގެ، އިލްޔާސް ލަބީބު،  ސ.ހުޅުދޫ ބްލޫ ސްކައި،  އަހުމަދު ޝާހިދު މައްޗަންގޯޅީ ޗަނބޭލީގެ ކ. މާލެ އަދި މީގެ އިތުރުން ގ ހެޕީސައިޑް ހުސެއިން އިލްހާމް އަޅުގަނޑުމެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިކަމުގައި އިތުރަށް ޝާމިލުވާ ފަރާތްތައް ހޯދާ މިކަންކަން ރާވާ ހިންގުމަށް މަސައްކަތްކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް