ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ އަންހެނުން ބާރުވެރި ކުރުވުން: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމ...

08 Mar 2018 | 07:45

ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެން ބޭފުޅުންނަށާއި، އަންހެން ބޭފުޅުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވައި، އަދި އެބޭފުޅުންނަށް އޯގާތެރިކަމާއެކު ކަމޭހިއްތަވައިގެން މަސައްކަތް ކޮށްދެއްވާ ހުރިހާ ފިރިހެން ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތަކާއެކު ފޮނުއްވާފައިވާ ތަހުނިޔާގެ ޚިޠާބުގައި އެވެ.

"މި މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އަށާއި، އެ މިނިސްޓްރީގެ އެންމެހައި ވެރިންނަށާއި، މުވައްޒަފުންނަށާއި، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، އަދި އެކި ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް މި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެ އެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމަށާއި އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯދައިދިނުމަށް މި ސަރުކާރުން ބައެއް ޤާނޫނުތަކަށް ބަދަލުގެނެސް، މިހާރު ޢަމަލުކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރާކަމަށެވެ.  އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން މިއަދު ބަލައިގަނެފައިވާކަމީވެސް ރާއްޖެ މިރޮނގުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ހަމައެއާއެކު، އެކިކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަކީވެސް، ސަރުކާރުން މިއަދު ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެކެވެ. އެކަމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ތަޢުލީމީ އަންހެން ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން ޤައުމީ ތަރައްޤީގައި އިތުރުކުރުމެވެ. އަދި އެބޭފުޅުންނަކީވެސް ޤައުމުގެ ކުރިއެރުމުގައި މުހިއްމު ބައެއްކަމުގެ ޔަޤީންކަން އެރުވުމެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން މި ހަމަޖައްސަނީވެސް އެ ސަބަބަށްޓަކައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިކަން މިހެން ހިނގާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެ އެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކުރާ މި ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއްނެތި މިއަދުގެ ކިޔަވާކުދިންނަށް ތަރުބަވީ ތަޢުލީމުގެ ތެރެއިން ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގެ އަންހެން ކުދިންނަށް ތަޢުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުޞަތުތައް ހުޅުވާލަދިނުމަށް ސަރުކާރުން މިއަދު ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާވެސް މާތްﷲ ގެ އިރާދަފުޅާއެކު އަންނަނީ ފެންނަމުން ކަމަށެވެ. އަދި ޢާންމުކޮށް އަންހެނުން ކޮށް ނޫޅޭ ބާވަތުގެ (ނޮން-ސްޓީރިއޯ ޓައިޕް) މަސައްކަތްތަކުން މިއަދު ޒުވާން އަންހެންކުދިން ފެންނަކަން އެއީ، ޤައުމުގެ ކުރިމަގު އުޖާލާވަމުން އަންނަ ކަމުގެ ހެއްކެތް ކަމުގައިވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެ އެވެ.

ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުވުމަށް ސަރުކާރުން މިކުރާ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރާއްޖޭގެ އަންހެން ބޭފުޅުންނަށް މިއަދުވެސް އަރުވާ ކަމަށެވެ.

"މާތްﷲ، ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! " ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައިވަނީ މި ދުއާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް