" އައިމަން.. އަހަރެން ސުވާލެއް ކޮށްލަންތަ؟ " ނާއިލާ މަޑުމަޑުން އައިމަންއާ ވާހަކަ ދެއްކިއެވެ. ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔައިރު އެ ދެ މީހުންގެ ދެމެދުގައި މިހާތަނަށް އޮތީ ހަމަހިމޭންކަމެކެވެ.
" ހޫމމމމ. އަހާބަލަ.. " އަނގަޔަށްލީ ރޮށިކޮޅު ހަފާލަމުން އައިމަން ނާއިލާއާ ދިމާލަށް އެނބުރިލިއެވެ.
" މިއަދު އައިމަންއަށް ތަފާތު އެއްވެސް ކަމެއް ނުވޭތަ؟ މިބުނީ... " ނާއިލާ ވާހަކަ މެދުކަނޑާލިއެވެ.
" އެނގޭ ނާއިލާ ތި ދައްކަން އުޅޭ ވާހަކަ... އެނގޭ މި ރެއަކީ ހަނދުމަހުގެ 14 ވިލޭރޭކަން ވެސް.. އަހަންނަށް މިހާރު ވެސް ބަދަލުތައް އިޙުސާސް ކުރެވެމުން އެބަދޭ.. ނާއިލާއަށް ވެސް އަހަރެންގެ ހަށިގަނޑުން މިއަދު ތަފާތުތަކެއް ފެންނާނެކަން ޔަގީން.. "
ނާއިލާ ފެށި ވާހަކަ އައިމަން ފުރިހަމަ ކޮށްލަދިނެވެ. ނާއިލާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައިދެމުންނެވެ. " ނާއިލާ ބުނަން.. އަހަންނަކަށް ވެސް ބުނާކަށް ނޭނގެ މިރޭ ކަންވާނެގޮތެއް.. އެނގޭ ކަމަކީ އަހަންނަށް އަހަރެންގެ ނަފުސު ކޮންޓްރޯލް ނުވާކަން.. އިންސާނެއްގެ ބާރުތަކުގެ އިމުން ބޭރުވާނެކަން ޔަގީން... އަހަރެން ބޭނުމެއް ނޫން މިގޮތަށް ކަންތައް ވާކަށް.. އަހަރެން ނޭދެން އަހަރެންގެ ސަބަބުން ކުށެށް ނެތް އިންސާނެއްގެ ފުރާނައަށް ނުރައްކާވާކަށް... އެކަމަކު މިކަމުގައި ވަކި އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ބޭނުން މިކަމުން ސަލާމަތްވާން ވެސް.. އެކަމަކު.. "
އައިމަންގެ އަޑު ކުރެހެމުން ގޮސް ބެދުނެވެ. އޭނަޔަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ސިކުނޑީގައި ހިނގަމުންދާ ހައިޖާނުތަކާއެކު، ހިތުގައި އުފެދިފައިވާ ޝުއޫރުތަކުން އޭނާ މުޅި ނަފުސަށް ލޮޅުން އަރުވާލައިފިއެވެ. އައިމަންގެ ވާހަކަތައް އަޑުއަހަން، އައިމަންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ނާއިލާއަށް އައިމަންގެ މިހާލު ފެނުމުން، ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރިގަތެވެ. އެދޮން ކޯތާފަތް ރަތްވެގެން ދިޔައެވެ. މިއީ އިންސާނީ ޠަބީއަތެވެ. ތިމާ ލޯބިވާ، ތިމާގެ ހިތުގައި އެ މީހަކަށްޓަކާ ލޯތްބާއި ކުލުނު އުފެދި ގަދަރާއި އިއްޒަތްދެވިފައިވާ މީހެއްގެ މާޔޫސްކަމުގެ އަސަރު މޫނުން ފެންނަ ހިނދު ތިމާގެ ހިތް ވެސް އެފަދައިން މޮޅިވެގެންދެއެވެ. ބައެއް ފަހަރު ރުޅި އަޔަސް، ނުރުހުންވިޔަސް، ރުޅިވެރިކަމާއެކު ބަސް ބުންޏަސް، އެ ރުޅި މައިތިރިވެ، ރުޅި އިސްކުރެވުނު ކަމުގެ މައްޗަށް ވެސް ހިތާމަކޮށް މާފަށް އެދެނީ ހަމަ ހަގީގަތުގައި ވެސް ހިތުގައި ޖަޒުބާތީ އާރާއި ބާރު ހުރި ވަރުގަދަ ލޯތްބެއް ހިނގާތީއެވެ. އެހެނަސް، އެ ލޯބީގެ އަސަރު ނުދަންނަ، އެ ލޯތްބަތް ގަދަރު ނުކުރާ މީހަކަށް އެފަދަ ޖަތުބާތެއްގެ އަސަރެއްގެ ފުންކަން އިޙުސާސް ވެސް ނުކުރެވޭނެއެވެ. ލިބޭ ހަގީގީ ތަދާއި ވޭނާ އުފަލާއި އަރާމްގެ ފޮނިމީރުކަން ދެނެއެއް ނުގަނެވޭނެއެވެ.
ނާއިލާގެ ލޮލުން ކަރުނަ އޮހިގަތްތަން ފެނުމުން އައިމަން ވާހަކަ ހުއްޓާލުމަށްފަހު އޭނާގެ ގަޔާ ނާއިލާ ކައިރިކޮށް މޭތެރޭގައި ބޮނޑިކޮށްލިއެވެ. އަދި ލޯބިލޯބިން ބޮލުގައި ފިރުމާލަމުން، ކަރުނަ ފުހެލަދިނެވެ.
" ނާއިލާ.. އަހަރެން ނާއިލާއާއެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުން... އެކަމަކު މިކަމުން ސަލާމަތްވެވިގެން ނޫނީ ...." އައިމަން ވާހަކަ މެދު ކަނޑާލިއެވެ. ފުންނޭވާއެއްލައި ހަމަޖެހިލިއެވެ.
" ނާއިލާ.. އަހަރެމެން ދެ މީހުންވެގެން މިކަމުގައި އެހެން ގޮތެއް އޮތްތޯ ވިސްނަމާ ހިނގާ.. އެ ނޫން ގޮތެއް ނެތް.. މިރެއަށް ތައްޔާރުވާން އެބަޖެހޭ.. ހަނދުގެ އަލިކަން ފުރިހަމަވެ މެންދަމު ބާރަޖަހާއިރު އަހަންނަށް އަހަރެންގެ ނަފުސު ކޮންޓްރޯލެއް ނުވާނެ.." އައިމަން ނާއިލާގެ ޚިޔާލެއް ހޯދަން ބޭނުންވިއެވެ.
" ކީކޭ ބުނާނީ.. އަހަންނަކަށް ވެސް ވަކި ނުވިސްނޭ ހަދަންވީ ގޮތެއް.. އެކަމަކު ނޭދެން އައިމަންގެ އަތުން އަނެއްކާ ވެސް އިތުރު މީހެއް މަރުވާކަށް. ރަށަށް އަނެއްކާ ވެސް ބޮޑު ބިރުވެރިކަމެއް ކުރިމަތިވާކަށް ނޭދެން.. "
" އަހަންނަށް ވިސްނޭ ކަންކުރާނެ ގޮތެއް.. ބުނާގޮތެއް ހަދަން ކެރޭނެތަ؟ " މާޔޫސީ ރާގުގައި ވާހަކަ ދައްކަމުން ދިޔަ ނާއިލާގެ އަޑު ކެނޑިގެން ދިޔައީ ގޭދޮރުމައްޗަށް އެރި ނާއިލްގެ އަޑުންނެވެ.
"ކީކޭ؟ ތީކީ ގަބޫލު ކުރެވޭނެކަމެއް ނޫން.. " ހާމިދު ދެއްކި ވާހަކަތަކުން ހަމްޒަތު ހިތްހަމަނުޖެހުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް ކުރަން އުޅޭ ކަންކަމުގެ ތަފުސީލު ކިޔައިދިންއިރު ވެސް ހާމިދު ނުބުނާ އެ ވާހަކަ އިވުމުން ހަމްޒަތަށް މިހާރު ކުރެވޭނެ އިތުރު ކަމެއް ވެސް ނެތެވެ. އޭނާ ކިތަންމެ ނުރުހުނަސް، ނޭދުނަސް އޭނާއަކީ މިއަދު ހާމިދު ބޭނުންވި ފަދައިން ހާމިދުގެ އަޅަކަށްވެ ނިމުނީއެވެ.
" މަށަށް އެނގޭ ހަމްޒަތު މި ގޮތަށް އިންކާރު ކުރާނެކަން ވެސް. އެހެންވެ މަށާ ނާއިލްއާ ދެމީހުން ކުރި މަސައްކަތާ، މަގޭ މަގުޞަދާއި، އެކަން ކާމިޔާބު ނުވުމުން މިއަދު އުފެދިފައިވާ ނުބައި ޝައިތޯނު، އައިމަންގެ ވާހަކަ ކިޔައިދިން އިރުވެސް މަ މި ވާހަކަ ނުބުނީ.." ހާމިދު އެއްވެސް ޖެހިލުމެއް ނެތި ހަގީގަތް ހާމަ ކުރަމުން ދިޔައެވެ.
" ހަމްޒަތު ބުނަން.. މަ ކުރިން ވެސް ބުނިހެން ކަންތައް ވެގެން ދިޔަގޮތުން އައިމަން އެ ހުރީ މަގޭ އަތްދަށަކު ނޫން.. އެކަމަކު މަ ބޭނުންވީ އެ ބާރާއެކު އެ ފަދައިން އުފަންވާ މަހުލޫގަކީ މަގޭ ފުރިހަމަ ކޮންޓްރޯލް އޮންނަ އެއްޗަކަށްވުން.. މަށާއި މަގޭ އާއިލާ ހިމާޔަތް ކޮށްދޭނެ ހަށިފާރަވެރިއަކަށްވުން.. އެކަމަކު މަށަށް މިއަދު މި ޖެހިފައި ވަނީ އެންމެ ފުރަތަމަ އެ އައިމަންގެ ދުވަސް ދުއްވާލަން.. އެހެންވެ މަ ކުރިން ރޭވިގޮތަށް ކަލޭގެ ބޭނުން މިކުރީ.. "
ހާމިދު އެ ހަރުދަނާ ކަންމަތީގައިހުރެ އިތުރަށް އޮޅުންފިލުވައިދެމުން ދިޔައެވެ.
" ތިބުނީ ދެންހަމަ މަށަށް ޖެހޭނީ ކަލޭ ބުނިހާ ގޮތަކަށް އަމަލު ކުރާށޭތަ؟ މަގޭ ގައިގާ މިހާރު މިހުރި އާދަޔާ ޚިލާފު ބާރު ހުރިކަމަށްވިޔަސް؟ " ހަމްޒަތު އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ހާމިދުއާ ކުރިމަތި ކުރުވިއެވެ.
" އާނ.. އެކަނި އެކަމެއް ވެސް ނޫން.. މަ ކުރިން ބުނިހެން މަށަށް ލިބޭ ކޮންމެ އަނިޔާއެއް ކަލެއަށް ލިބޭނެ.. ކަލެއަށްވާ ކޮންމެ ގޮތެއް މަށަށް ވެސް ވާނެ.. ކަލޭ މަރުވެއްޖެނަމަ މަ ވެސް. މަ މަރުވެއްޖެނަމަ ކަލޭ ވެސް.. މަ މިހެން ކަންކުރީ، ކުރިން ލިބުނު ލަނޑު ލިބުނަ ނުދޭންވެގެން.. " ހާމިދު ފަޚުރުވެރިކަމާއެކު އޭނާގެ ކާމިޔާބީ ތަކުރާރުކޮށް ފާހަގަ ކުރަމުން ދިޔައެވެ.
" ހަހަ.. އޯކޭ. އޯކޭ.. ކަލެއަށް ރަނގަޅަށް މަ އަތްދަށު ލެވިއްޖެ.. އެކަމަކު ކަލޭ ތި ބުނިހެން ވަންޏާ ކަލޭ ބޭނުންވި ފަދައިން ކިހިނެއް ކަންތައް ވާނީ.. ކިހިނެއް މަ ކަލެއާއި ކަލޭގެ ހަށިފާރަވެރިއަކަށް ވާނީ.. ހޫމ.."
ހަމްޒަތުގެ ސުވާލުން ހާމިދުއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ވަރުގަދަ އެއްޗަކުން ޖެހިހެންނެވެ. އެއީ އޭނައަށް ކުރިން ވިސްނާ ނުލެވުނު ކަމެކެވެ. އޭނާ ވިސްނިހާ ވެސް ކަމަކީ އޭނާ ބޭނުންވާ ބާރުހުރި ނަފުސެއްގެ ވެރިއެއް އޭނާގެ ފުރިހަމަ ބާރުގެ ދަށުގައި ހުންނާނެ ގޮތަކަށް އެކަން ކުރުމެވެ. ހާމިދު ބޯހޫރާލިއެވެ. މި މަންޒަރު ފެނުމުން ހަމްޒަތު އޭނާގެ ވާހަކަ އިތުރު ކޮށްލިއެވެ.
" އަނެއްކާ ބުނަން.. ކުރިން ތި ބުނިހެން ކަންވާނަމަ، ކަލޭ ބޭނުންވާހެން މަ ކަލޭގެ ބާރުގެ ދަށުގައެއް ނުވެސް ހުންނާނެދޯ؟ މަ ބޭނުމިއްޔާ މިހާރު ކަލެއަށް މަ ބޭނުން ގޮތެއް ހަދާލެވިދާނެދޯ؟ " ހަމްޒަތު މަލާމާތުގެ ރާގުގައި އިތުރުކޮށްލި މި ވާހަކައިން ހާމިދުގެ ނުތަނަވަސްކަން އިތުރެއް ނުވިއެވެ. ހަމްޒަތު ހީކުރި ގޮތާ ޚިލާފަށް މޫނުގެ ކުލަވަރު ބަދަލުވެ އޭނާ ހިނިތުންވެލިއެވެ.
" މަށަށް އެނގޭ ކަލެއަށް ކަލޭގެ އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން ނުކެރޭނެކަން.. މަށަށް އެނގޭ ކަލޭ ކަލޭގެ ހަށިގަނޑުގެ ސަލާމަތަށްޓަކާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން.. އެހެންވީމާ މަށަށް މިއަށްވުރެ ވަކިން ބޮޑު ހިމާޔަތެއް ކޮބާ؟ "
ހާމިދު މަލާމާތުގެ ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ހަމްޒަތަށް ޖެހުނީ އިސްދަށަށް ޖަހާލާށެވެ. ބަލި ގަބޫލު ކުރާށެވެ. ކިތަންމެ ގަދަ ބަދަވިކަމާއި ނުލަފާކަން ދެއްކިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ފޮރުވައިގެން އުޅުނަސް ހަގީގަތް ކުރިމައްޗަށް ދިމާއަށް ފާޅުވެ ފެންނާނެ ވަގުތެއް އަންނާނެއެވެ. ބައެއް މީހުން ހިނިތުންވުމާއެކު އުޖާލާ މޫނު ދައްކާއިރު، ހިތުގަ ފޮރުވާފައި އޮންނަ ހިތާމައާއި ހިތްދަތިކަމާއި ކެކުޅުމުގެ އަސަރު ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ބަންޑުން ވެދެއެވެ. ނޫނީ ހިތުގަ އޮންނަ ހަސަދަ އާއި ރުޅިވެރިކަމާއި ޒާތީ ގޮތްގަނޑު ކަޝްފުވެދެއެވެ. އެހާ ހިސާބުން ކުރިން ދެއްކި އުފާވެރި މޫނާއި ހިނިތުންވުމުގެ އަގެއް ނޯންނާނެއެވެ.
ހަމްޒަތަށް މި ދިމާވީ އަދި މުޅިން އެހެން ގޮތެކެވެ. ގަދަ ބަދަވިކަމާއި ޖާހިލުކަން އޭނާ އިސްކުރިއެވެ. އެހެން މީހުނަށް އަނިޔާވެރިކަން ދެއްކިއެވެ. ހިލަ ހިތެއްގެ ވެރިއެއްގެ ގޮތުގައި ދައްކަމުންނެވެ. އެހެނަސް އޭނައަށް ވެސް އޭނާގެ ފުރާނަ މާ މުހިންމު ވެއްޖެއެވެ. އަމިއްލަ ނަފުސަށް، ހަށިގަނޑަށް ގެއްލުމެއް ލިބި ދާނެ ކަމެއް ވުމަކަށް އޭނާގެ ޟަމީރު ވެސް ގަބޫލެއް ނުވެއެވެ. އެފަދަ ކަމަކަށް ޖެހިލުންވެ ބިރުގަނެއެވެ. ވީއިރު، ހާމިދުގެ ކެހިވެރިކަމުގައި ޖެހި އޭނާގެ ބާރުގެ ދަށުގައި ހުރުމުން، އަމިއްލަ ނަފުސުގައި އާދަޔާ ޚިލާފު ވަރުގަދަ އާރަކާއި ބާރެއް ހުއްޓަސް އޭނައަށްވުރެ ވަކިން ނިކަމެތި މީހެއް ކޮބައިހެއްޔެވެ؟ އަދު އޭނާ ހަމަ ހަގީގަތުގައި ވެސް ވެފައި އެ ވަނީ މީހެއްގެ އަޅަކަށެވެ. މުޅި ދުނިޔެ މުށްދަށުލައިގެނޭ ހީކޮށް، އެންމެ މޮޅު މީހާ ކަމުގައި ހެދިގެން އުޅުނަސް، އަދި ދިރިއުޅުމުގައި ކިތަންމެ ގިނަ ކާމިޔާބީ ފެންނަމުން ދިޔަޔަސް ނުލަފާ އަދި ހެއްދެވި ރައްބުގެ މަތިން ހަނދުމަ ނުވެ ހިތު ހުރިހާ ގޮތަކަށް އުޅޭ އަޅަކަށް އާޚިރުގައި އަބަދު ވެސް އޮންނާނީ މިފަދަ ބަދުނަސީބަކާ ކުރިމަތި ލާންޖެހިފައެވެ. އޭރު ކުރީގެ އުފާވެރިކަމާއި އަރާމު އޮންނާނީ އަވާމެންދުރަކަށް ވެފައެވެ. އެހެނަސް ހެޔޮ ލަފާކޮށް އުޅެ، ހިތާމައާއި ހިތްދަތިކަން އުފުލި އަޅާ ފަހުން ހުންނާނީ ކާމިޔާބާއި އުފަލާ ހިތްހަމަޖެހުމުގެ ވެރިއެއްގެ ގޮތުގައެވެ. މިއީ އިންސާނާގެ ދިރުއުޅުމުގެ އިމްތިޙާނެވެ. ޝިރުކުކަމުގައިވި ސިހުރު ހަދަމުން ދާ ހާމިދުއަށް ދިމާވާނީ ކިހާވަރެއްގެ ކަމަކާ ބާވައެވެ؟
ނިކަމެތިކަމާއެކު ހަމްޒަތު އިސްދަށަށް ޖަހާލިއެވެ. އެހެނަސް ހަމްޒަތުގެ އެ ނިކަމެތިކަމާއި ބަލި ގަބޫލުކުރުމުން ހާމިދަށް ވަކި އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ސިހުރާއި ހާހޫރާއިން މުޅި ދުނިޔެ މިލްކު ކުރެވިދާނެއޭ އޭނާ ހީކުރިއެވެ. އެހެނަސް ﷲ ޙަރާމް ކުރެއްވި ނުބައި ފާފަ ކުރަމުން ދިރިއުޅުން ދާއިމަށް ހިތްހަމަ ޖެހުމާއެކުގައި ބޭނުންވާހެން ވޭތު ނުކުރެވޭނެކަން ކަށަވަރެވެ. ހާމިދަށް ސިހުރުވެރިކަމުގެ ނުބައި އަމަލުން ލައްކަ ފައިސާ ލިބިފައިވެއެވެ. ބޮލުގެ އިސްތަށިތައް ހުދުވެ މޫނުގެ ހަންގަނޑުގައި ރޫޖެހުނު ދުވަހުގެ އޭނާ ވަނީ ރަށުގައި ހުރި އެންމެ މުއްސަނދި އެކަކަށް ވެފައެވެ. ބަލާނޭ ބަދަލުވެރިއެއް، މައެއް ބަފައެއް އަންބެއް އަދު ނެތަސް، އުފަން ފަސްގަނޑުން ބޭރުގައި ކިޔަވަމުންދާ ދަރިއެއް އެބަހުއްޓެވެ.
ނުބައި އަމަލުތަކުން ހިތް ފުރޭނެ ހެއްޔެވެ؟ ނޫނެކެވެ. ހާމިދު އެންމެ ފަހުން ބޭނުންވީ ސިހުރުގެ ބާރުން ޝައިތާނީ ކުޅިގަނޑެއް ކުޅޭށެވެ. މުހުތާދަކައިގެން މަގު އޮޅިގެން އާދެވުނު ނާއިލްގެ ބޮލަށް ސަވާރުވެގެން ހާމިދު އެކަމުގެ ބިންގާ ވެސް އެޅިއެވެ. އެހެނަސް ކައްޗަށެވެ.
އޭނާގެ ކޮންޓްރޯލްގެ ދަށުގައި އައިމަން ނެތުމުން އޭނާ މިއަދު ބޭނުންވެފައި އެ ވަނީ އައިމަންގެ ދުވަސް ދުއްވާލުމަށެވެ. އަދި އެއަށްފަހު ހަމްޒަތު އޭނާގެ ހަށިފާރަވެރިއަކަށް ގެންގުޅުމީ އޭނާގެ އެދުމެވެ. އެހެނަސް ފާފަވެރިންނަށް މުޅިން ވެސް ހެދޭނީ ގޯހެވެ. އެ ގޯހުގެ މައްޗަށް ހާމިދުއަށް ހެދުނު އިތުރު ގޯހަކީ، ހަމްޒަތުގެ ހަށިގަނޑާ ރޫހާނީ ނަފްސަކާ ގުޅުވާލި ހިނދު އޭނާގެ ފުރާނައާ ގުޅުންހުރި ކަމަކަށް ހެދުމެވެ. އެހެނަސް، ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް މި ހެދި އެތިފަހަރުން މިހާރު އޭނާގެ އާއިލާއަށް އޮތް ހިމާޔަތެއް ނެތެވެ. އޭނާ ނެތިދިއުމުން ބާރު ވެސް ނެތިދާނީއެވެ.
ގޯހަކަށްފަހު ގޯހެއް ހެދި ކަންތައްތައް ބޮއްސުންލާން ފެށިއިރު ވެސް، ހާމިދު މިހާރު ވެސް ހަމްޒަތާއެކު އެ ތައްޔާރު ވަނީ މިރޭގެ މަސައްކަތް ކާމިޔާބު ކުރުމަށެވެ. ކޮންމެ ގޮތަކުން ވިޔަސް އައިމަންގެ ދުވަސް ދުއްވާލުމީ އޭނާ މިރޭ އެންމެ ބޭނުންވާނޭ ކަންތަކެވެ. އެކަމަށް އޭނަޔަށް އެންމެ ފަސޭހަވާނީ ވެސް މިރޭކަން އޭނާ ރަނގަޅަށް ދަނެއެވެ. ކުރިން ކުރެވިފައިހުރި ތަޖުރިބާތަކާއެކު އޭނާ ޕްލޭން ކުރަމުން ދިޔައެވެ. އެއްގޮތަށްވުރެ ގިނަގޮތްތަކަށް ވިސްނައިގެންނެވެ. ފަސޭހަކަމެއް ނޫންކަން ދަނެގެން އިނދެއެވެ. އެއަށްފަހު ހަމްޒަތާ ކުރިމަތިލައި އޭނާގެ ބޭނުންވާ ކަންތައްތައް ހިއްސާކުރިއެވެ. ހަމްޒަތުގެ މަސައްކަތް ރަނގަޅަށް އޭނާއަށް ބުނެދިނެވެ. އެއަށްފަހު އެ ދެ މީހުންމެ އިންތިޒާރުގެ ވަގުތުތައް ގުނަންފެށިއެވެ. މަސައްކަތުގެ ވަގުތު ޖެހެންދެން ދެން އޮތީ ވެސް އިންތިޒާރުކުރުންތާއެވެ.
ހަނދުވަރުގެ ފުރިހަމަ އަލިން މުޅި ރަށް ދިއްލާލަ ދީފައިވިޔަސް، ދަންވަމުން ދިޔަހެން ރަށުގެ ތެރެއަށް ވެރިވަމުން ދިޔަ ހަމަހިމޭންކަމާއި ފަޅުކަން އިތުރުވަމުން ދިޔައެވެ. ފަހަކަށް އައިސް ރަށުގައި ހިނގަމުންދާ އާދަޔާ ޚިފާލު ބިރުވެރި ނާމާން ކަންތައްތަކާއެކު، މަދު ބަޔަކު ނޫނީ، އިރުއޮއްސުމުން ވީ އެންމެ އަވަހަކަށް ގެއަށް ވަދެ ދޮރުތައް ލައްޕައިގެން ގޭގެ ހަތަރު ފާރުން އެތެރޭގެ ހިމާޔަތުގައި ތިބުން މިހާރު އާދައަކަށް ހަދައިފިއެވެ. މި އާދައާއެކު، އަވަހަށް ނިދުމުގެ އާދައާއި، ދީނީ އަޅުކަންތައްތަކަށް ސަމާލުކަން ދިނުމުގެ ރޫޙު ވެސް މީސްތަކުންގެ ހިތުގައި ފެތުރި އާންމުވަމުން ދިޔައެވެ. ނާމާން ކަމާއި ބިރުވެރިކަމަކީ ޝައިޠާނީކަމެކެވެ. ސިހުރާއި އެނޫން ވެސް ﷲ ހަރާމްކުރެއްވި، ޝިރުކުގެ ތެރެއަށް ހުށަހެޅިދާފަދަ އަމަލުތައް ކުރާ ބަޔަކަށް ނޭދެވޭ ކިތަންމެކަމެއް ކުރިމަތިވާނެއެވެ.
ގަޑިން އެގާރަ ޖެހުމާ ގާތްވެފައި ވަނިކޮށް ހަނދުގޭގެ ދޮރާށި ހުޅުވާލައިފިއެވެ. ބޯދިއްކޮށްލައި މަގުގެ ދެ ފަރާތަށް ނަޒަރު ހިންގާލުމަށްފަހު، ނާއިލް މަގަށް ނުކުތެވެ. އަދި މަގުގެ އެކޮޅު މިކޮޅުމައްޗަށް ނަޒަރު ހިންގަމުން ހުށިޔާރުވެ ހުރެ އައިމަން އާއި ނާއިލާއާ ބައްދަލުކުރުމަށް ހިނގައިގަތެވެ.
ނާއިލް ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ހިނގަމުން ދިޔައީ ރަށުގެ ބޮޑު ވަލާ ދިމާއަށެވެ. އޭނާގެ ފަހަތުން ނާއިލާ އާއި އައިމަން ހިނގަމުން ދިޔައެވެ. މީހެއްގެ ހިލަމެއްވޭތޯ ބަލަމުން ހުށިޔާރުވަމުންނެވެ. އެހެނަސް އައިމަންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާއެކު އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނުން އޭނައަށް ރަނގަޅަށް ހިނގަން ވެސް ދަތިވަމުން ދިޔައެވެ. އެހެނަސް ނާއިލްގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަން ބޭނުންނަމަ، އޭނައަށް މި ނޫން ގޮތެއް ނެތެވެ. ނާއިލް ދިން ހިޔާލަށް އޭނައާ ނާއިލާ އެއްބަސްވީ ވަކި އެއަށްވުރެ ރަނގަޅު އެހެން ގޮތަށް ފެންނަން ނެތުމުންނެވެ. އެ ގޮތުން ވެސް ހައްލެއް ލިބިދާނެ ކަމުގެ ކުޑަ އުންމީދެއްގައެވެ.
" ދޮންބޭ.. އަމްނާ..... " ނާއިލާ ފެށި ވާހަކަ ނާއިލް ހުއްޓުވިއެވެ.
" ދޮންބެ އަމްނާއަށް ކިޔައިދޭން ޖެހޭ މިންވަރަށް ހުރިހާ ވާހަކައެއް ކިޔައިދީފިން.. މި ނުރައްކަލުގެ ތެރޭގައި އޭނާ ބައިވެރި ކުރާކަށް ބޭނުމެއް ނޫން.. ނިންދަވާފަ މި އައީ.. ހޭލެވުނަސް މަ ހޯދަން ނުނިކުންނަން އެންގިން.." ނާއިލާގެ ކަންބޮޑުވުން ނާއިލް ފިލުވާލަދިނެވެ.
ހަމްޒަތުކައިރީގައި މަޑުކުރުމަށް ބުނުމަށްފަހު، ހާމިދު ގޯތި ތެރެއަށް ނުކުތެވެ. ގޯތިތެރޭގައި ފައިން ވަށްބުރެއް ކުރަހާލިއެވެ. އަދި އެވަށްބުރު ތެރެއަށް ވަދެ ހުރެ ކިޔެވެއްޔެއް ކިޔަވަން ފެށިއެވެ. އެއަށްފަހު އުޑަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅެއްގެ ހިމޭންކަމުގައި މިހެން ހުރުމަށްފަހު، ގޭގެ ދޮރަށް ނަޒަރު ހުއްޓާލަމުން އަނެއްކާ ވެސް ތުންތަޅުވަން ފެށިއެވެ. ކުއްލިއަކަށް ގޭގެ ދޮރު ބާރަކަށް ހުޅުވިގެން ދިޔައެވެ. އޭރު ދޮރުމަތީގައިހުރި ހަމްޒަތު ވަނީ ރުޅިއައިސް ރަތްވެފައެވެ. ގައިގެ މަސްތައް ފުފިއަރާ ހަށިގަނޑު ބިޔަވެ، ދެ ލޮލު ކަޅީގެ ކުލަ ރަތްވެފައިވާއިރު، ހުޅުވިފައިވާ އަނގަގެ ތެރެއިން ތޫނު ދަތްތައް ފާޅުވަމުން ދިޔައެވެ. ހާމިދު ހިނިތުންވެ ހުރެ ހަމްޒަތަށް އިޝާރާތް ކުރީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އަތްފައި ބަޅުކުރަމުން، ގަދަ ހަޅޭކަކާއެކު ހަމްޒަތު ގަޔަށް ބާރުލައި ހާމިދުއާ ދިމާއަށް ފުންމައިގަތެވެ. ބަނޑުހައިވެފައިވާ މިނިކާ ޖަނަވާރެއް ފަދައިންނެވެ. ހަމަ އެއާއެކު ހާމިދުގެ ގައިގައި ނުވެސް ޖެހި އެހެނަސް ވަރުގަދަ އެއްޗެއްގައި ޖެހި ވިއްސައިގެން ދާފަދައިން ހަމްޒަތު ވިއްސައިގެން ގޮތް ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ.
— ނުނިމޭ —
ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް