ބޮލީވުޑްގެ ތަރިންގެ ގޮތް ނޭނގޭ މަރުތައް!

މީހުންނަށް ލިބިގެންދާ މަޝްހޫރުކަމާއެކު މުޅި ދުނިޔޭގެ އެތައް ބަޔެއްގެ ނަޒަރު އެމީހުންނަށް އަބަދުގެ އަބަދަށް ހުއްޓިގެން ދެޔެވެ. އެމީހުން ކުރަނީ ކީއްތޯ އާއި ދަނީ ކޮންތާކަށް ކޮންބަޔަކާއެކުތޯ އާއި ލަނީ ކޮނ...

08 Mar 2018 | 03:43

މީހުންނަށް ލިބިގެންދާ މަޝްހޫރުކަމާއެކު މުޅި ދުނިޔޭގެ އެތައް ބަޔެއްގެ ނަޒަރު އެމީހުންނަށް އަބަދުގެ އަބަދަށް ހުއްޓިގެން ދެޔެވެ.

އެމީހުން ކުރަނީ ކީއްތޯ އާއި ދަނީ ކޮންތާކަށް ކޮންބަޔަކާއެކުތޯ އާއި ލަނީ ކޮންކަހަލަ ހެދުމެއްތޯ ބަލަން ބޭނުންވާ އެތައް ބަޔަކު އުޅެއެވެ. އެގޮތުން މިފަދަ މީހުންގެ އެތައް ފޭނުންނެއް މިމީހުން ކުރާކަންކަން ބެލުމަށް ޝައުގުވެރިވެ އެމީހުންނަށް ފިދާވެއެވެ. އެއީ ރާއްޖޭގައި ކަމުގައިވިޔަސް ކައިރި އިންޑިޔާގެ ބޮލީވުޑް ކަމުގައިވިޔަސް ހުޅަނގުގެ ހޮލީވުޑް ކަމުގައި ވިޔަސް ކަންހިނގަމުން އަންނަ ގޮތެވެ.

މަޝްހޫރުތަރިން މިފަނާކުރެވުނު ދުނިޔެއާ ވަކިވެގެންދިޔަޔަސް އެތައް ޒަމާންތަކެއް ވަންދެން އެވާހަކަތައް އެމީހުންގެ ފޭނުން ދައްކާ އެމީހުންގެ ހަނދާން އާކުރެއެވެ. އެކަމާ ނުރުހޭ މީހުންވެސް އުޅެއެވެ. އެކަމަކު ތިމާ ލޯބިވާމީހެއްގެ ވާހަކަ ކޮންމެ މީހަކުވެސް ދައްކާނެތާއެވެ. އަދި މަޝްހޫރު މީހުންގެ ވާހަކަ މާގިނައިން ދައްކާނެތާއެވެ. މިލިޔުމުގައި މިބަލާލަނީ ބޮލީވުޑްގެ މަޝްހޫރުތަރިންގެ ތެރެއިން ގޮތްނޭންގޭ ކުއްލި މަރުތަކުން މަރުވެފައިވާ ބައެއް ތަރިންގެ މައްޗަށެވެ. އެމީހުން މަރުވިގޮތްކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތްތަކަށެވެ.

1-ސްރީދޭވީ

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއަކީ ބޮލީވުޑަށް ކަޅު ރެޔެކެވެ. ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހަށް އަލިވިލިގެން ދިޔައީ ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީދޭވީގެ ކުއްލި މަރުގެ ޚަބަރާއެކުއެވެ. ބޮލީވުޑާއި އިންޑިޔާގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނަށް ސިހުންގެނުވި މިޚަބަރާއެކު އެންމެންވެސް ބަލަން ބޭނުންވީ ސްރީދޭވީ ކުއްލިގޮތަކަށް މަރުވި ސަބަބަކީ ކޮބައިތޯއެވެ.

ދުބާއީގައި އޭނާ ހުރި ހޮޓަލުގެ ފާޚާނާގައި ހުރި ބިލިގާއެއްގެ ތެރޭގައި ސްރީދޭވީ މަރުވެފައިއޮއްވާ ފެނުނުއިރު ދުބާއީ ޕޮލިހުން ބުނެފައިވަނީ ސްރީދޭވީ މަރުވެފައިވަނީ މަސްތުގެ ހާލަތުގައި ފާހާނާގައި އުޅެމުންދަނިކޮށް ބިލިގާއަށްވެއްޓި ގެނބިގެންކަމުގައެވެ. ދުބާއީ ޕޮލިހުންވަނީ އެގޮތަށް ނިންމާ މިކޭސް ނިންމާފައެވެ. ނަމަވެސް އޭނާގެ ފޭނުންނާއި ގާތް ރަހުމަތްތެރިން އެކަމުގެ އިތުރު ތަފްސީލް ބޭނުންވެއެވެ. 300 ށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ކާމިޔާބު އެކްޓްރެސް މަރުވި ރޭ ކަންކަން ހިނގާދިޔަގޮތާއި އޭނާ މަރުވި އަސްލު ސަބަބު މިވަނީ ނޭންގުމެއްގެ ތެރޭގައެވެ.

2-ޕަރްވީން ބާބީ

1960ގެ އަހަރުތަކުގައި ބޮލީވުޑަށް ނިކުތް މަޝްހޫރު އެކްޓްރެސް ޕަރްވީން ބާބީ މަޝްހޫރު ވެގެންދިޔައީ 1970 އާއި 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އައިކޯނިކް އެކްޓްރެސްއެއްގެ ގޮތުގުގައި ފާހަގަކުރެވޭ މިއެކްޓްރެސް އަކީ ފެޝަން އައިކޮންއެއްވެސް މެއެވެ.

އޭނާގެ ކެރިއަރުގައި ކިތަންމެ ކާމިޔާބު ނަމަވެސް އޭނާއަކީ އަމިއްލަ ދިރިއުޅުމުގައި އެހާކާމިޔާބު އެކްޓްރެސް އެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުން ޕަރްވީންއަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޭގެ ސަބަބެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނަނީ މާބޮޑަށް ރާބުއިމަށް ދެވިހިފާފަހުރުމެވެ.

އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެއްވެސް މީހަކާއެކު ކާމިޔާބު ދިރިއުޅުމަކާހަމައަށް ނުދެވުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޕަރްވީން މަރުވެފައި އޮއްވާ ފެނިފައިވަނީ 2005 ވަނަ އަހަރުއެވެ. އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ނޫހާއި ކިރުޕެކެޓް ގިނަވާން ފެށުމުން އޭނާ ދިރިއުޅޭ ގޭގެ މެނޭޖަރ ޕޮލިހަށް ރިޕޯޓްކޮށްގެން ޕޮލިހުން އައިސް އެގޭގެ ދޮރުވައްޓާލައިގެން ވަދެ ބެލިއިރު ފެނުނީ ޕަރްވީން މަރުވެފައި އޮއްވައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާގެ ހަށިގަނޑު ފެނިފައިމިވަނީ މަރުވިތާ 3 ދުވަސްފަހުންނެވެ. ޕަރްވީންގެ މަރުގެ އަސްލު ސަބަބު ވަނީ ނޭންގުމެއްގެ ތެރޭގައެވެ.  ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވެފައިވަނީ އެއްވެސް އެއްޗެއް ނުކައި ގިނަ ދުވަސްތަކެއް އުޅުމުގެ ސަބަބުންނެވެ.

3-ދިވްޔާ ބާތީ  

1990 ގެ އަހަރުތަކަކީ ބޮލީވުޑަށް ގިނަ ތަރިންތަކެއް އުފަންވެގެން ދިޔަ އަހަރުތަކެކެވެ. އެގޮތުން އުފަންވި އެއް ތަރިއަކީ ދިވްޔާ ބާތީއެވެ. 1990 ން 1992 ކާ ހަމައަށް އޭނާ ފެނިގެންގޮސްފައިވަނީ ޓެލޫގް ފިލްމުތަކުންނެވެ.

އެއަށްފަހު 1992 ން 1993 ށް އޭނާ ބޮލީވުޑްގެ 14 ށް ވުރެ ގިނަ ފިލްމު ކުޅެފައިވާއިރު މިއީ ހިންދީ ސިނަމާތަކުގެ ރިކޯޑް އަދަދެކެވެ. އުމުރުން އެންމެ 19 އަހަރުގައި ދިވްޔާ މަރުވެފައިވަނީ އޭނާ ދިރިއުޅޭ ގޭގެ 5 ވަނަ ފްލޯރ ގެ ބެލްކަނިން ވެއްޓިގެންނެވެ. ގިނައަދަދަކަށް ބޮލުން ލޭއައުމާ ގުޅިގެން ދިވްޔާ މަރުވެފައިވާއިރު އޭނާ ބެލްކަނިން ވެއްޓެން ދިމާވި އަސްލު ސަބަބު ވަނީ ނޭންގުމެއްގެ ތެރޭގައެވެ. އެއްބަޔަކު އޭނާ މަސްތުގެ ހާލަތުގައި ވެއްޓުނީކަމަށްބުނާއިރު އަނެއް ބަޔަކު ބުނަނީ ގަސްތުގައި މީހަކު އޭނާ ކޮއްޕާލީކަމުގައެވެ. މިކަމުގެ ތަހްޤީޤުތަކަށްފަހު 1998 ވަނަ އަހަރު މުމްބާއީ ޕޮލިހުން ބުނެފައިވަނީ އެއީ އެކްސިޑެންޓެއްކަމުގައެވެ.

4-ސިލްކް ސްމިތާ

ސައުތު އިންޑިޔަން ފިލްމުތަކުން މަޤްބޫލުކަން ހޯދުމަށްފަހު ސްމިތާ ބޮލީވުޑްގެ ފިލްމުތަކުން ފިޔަޖަހަންފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. 450 ށް ވުރެ ގިނަ ފިލްމު ކުޅެފައިވާ މިއެކްޓްރެސް މަރުވެފައިއޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ.

1996 ވަނަ އަހަރު ޗެންނާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުން މަރުވެފައި އޮއްވާ އޭނާ ފެނިފައިވާއިރު ސްމިތާ މަރުވި އަސްލު ސަބަބެއް ނޭންގެއެވެ. އެއްބަޔަކު ބުނާގޮތުން އޭނާ އަމިއްލައަށް މަރުވީއެވެ. ދަރަނީގެ މައްސަލަތަކެއްގެ ތެރޭގައި ސްމިތާ އުޅެމުންދިޔަކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ މައްސަލަތަކެއް އޭނާއަށް ދިމާވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއް ބަޔަކު ބުނަނީ އެއީ ހަމަ ޤުދުރަތީ މަރެއްކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް