ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ހެދުމަށް ސަރުކާރު ފަރާތުން ހުށަހަޅާފައިވާ "އެންޓީ ޑިފެކްޝަން" ބިލަށް މަރަދޫ ދާއިރާގެ އިދިކޮޅު މެންބަރު އިބްރާޙިމް ޝަރީފު (އައްޑޫ ޝަރީފު) ތާއީދު ކުރައްވައިފި އެވެ.
ޝަރީފު މި ބިލާ ބެހޭގޮތުން އެއްޗެއް ވިދާޅުވެފައިވާއިރު މިހާތަނަށް މި ބިލާއި ގުޅޭގޮތުން އިދިކޮޅުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރަކު އެއްޗެއް ވިދާޅު ނުވެ އެވެ.
ޝަރީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެންޓީ ޑިފެކްޝަން ފަދަ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޕާޓީއަކުން ހޮވުނު މެންބަރަކު އެހެން ޕާޓީއަކަށް ދާންވާނީ ގޮނޑި ދޫކޮށްފައި ކަމަށާއި އަލުން އެގޮނޑި ބޭނުމިއްޔާ ޖެހޭނީ ކުރިމަތި ލާން ކަމަށް ޝަރީފު ވިދާޅުވެފައިވެ އެވެ.
https://twitter.com/AdduShareef/status/971319699886739458
މި ބިލާ މެދު ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށް ބައެއް މެންބަރުން އިއްޔެ މީޑިއާގައި ވިދާޅުވި އެވެ. އެގޮތުން 90 ޕަސެންޓޫ މެންބަރުން އެންޓީ ޑިފެކްޝަން ބިލަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެކަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވަނީ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ބިލާ ދެކޮޅީ ދެތިން މެންބަރުން ކަމަށާއި ބިލް މަޖިލީހުން ފާސް ކުރާނީ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ނައްތާލުމަށް ފަހު ކަމަށެވެ.
އެންޓީ ޑިފެކްޝަން ބިލުގައި ވާގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް ހޮވޭ މެންބަރުން ޕާޓީން ކަނޑާލައިފި ނަމަ ނުވަތަ އަމިއްލައަށް ކެނޑިއްޖެ ނަމަ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިނިވަން ކެންޑިޑޭޓަކު ޕާޓީ އަކާ ގުޅުމުން ގޮނޑިއެއް ނުގެއްލެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް