މާފުށީ ޖަލުގައި އޮތް ފިރިމީހާއަށް ތަކެތި ވައްދައިދިން އަންހެނަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް އެކަހެރި ބައްދަލުވުމަށް ދިޔަ އަންހެނަކު ހެދުމުގެ ތެރެއަށްލާ ފޮރުވައިގެން ޖަލަށް ވެއްދުން މަނާއެއްޗެހިތަކެއް ވައްދަން އުޅެނިކޮށް މިރޭ އަތުލައިފިއެވެ. ކަރެކްޝަންސް އިން ބުނެފައިވަނީ އެ އަނ...

07 Mar 2018 | 19:21

މާފުށީ ޖަލަށް އެކަހެރި ބައްދަލުވުމަށް ދިޔަ އަންހެނަކު ހެދުމުގެ ތެރެއަށްލާ ފޮރުވައިގެން ޖަލަށް ވެއްދުން މަނާއެއްޗެހިތަކެއް ވައްދަން އުޅެނިކޮށް މިރޭ އަތުލައިފިއެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ އެ އަންހެންމީހާ ބަލައިފާސްކުރުމުގެ ތެރޭގައި ނޮކިޔާ ބްރޭންޑްގެ ދެ ފޯނާއި، ފަސް ސިމްކާޑާއި، ފަސް އެސްޑީ މެމޮރީ ކާޑާއި، ދެ ޗާޖަރާއި، ދެ ފޯނު ބެޓެރީގެ އިތުރުން ޗާޖަރާއިއެކު އޮތް ވަޔަލެސް ހެޑްސެޓަކާއި ދެ ސުޕަރ ގްލޫ ފުޅި ވަނީ ފެނިފައި ކަމަށެވެ.

"އެމީހާ މާފުށީ ޖަލަށް މިރޭ ގޮސްފައިވަނީ ޤައިދީންނަށްދޭ އެކަހެރި ބައްދަލުވުމުގެ ފުރުސަތުގައި ޖަލުގައިވާ އޭނާގެ ފިރިމީހާއާ ބައްދަލުކުރުމަށެވެ. އެ އަންހެންމީހާ އެކަހެރި ބައްދަލުވުމަށް ދިޔައީ 11 މަހުގެ ކުޑަ ދަރިފުޅު ގޮވައިގެންނެވެ." ކަރެކްޝަންސް އިން ބުނެފައި ވެ އެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ އެ އަންހެންމީހާ މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައި ކަމަށެވެ.

މިފަދައިން ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށާއި މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވާކަމަށާއި އަދި މިފަދަ ޤައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން އިލްތިމާސްކުރާކަމުގައިވެސް ކަރެކްޝަންސް އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް