މާލެ އަތޮޅު ކަގި ކައިރީގައި އޮތް ފަރަށް އެރި "ޓީޓީއެސް ފާނަ" ދޯނި އޮތް ސަރަހައްދު މޫދު އަޑިން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫންކަމަށް ފުލުހުން ބުނެފި އެވެ.
ދޯނި ފަރަށް އެރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ވަނީ ގެއްލިފައެވެ. ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
މިހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ މީގެ ކުރިން އެ ސަރަހައްދު މޫދުން ފެނުނު ފޯނާއި ތުވާލި އަދި ވަޅި ތަހުލީލު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ހޯދުނު ގޮތުގައި ތުވާއްޔާއި ވަޅީގައި ހޭކިފައި ހުރީ ލޭކަމަށް ކުރިން ބުނެވުނަށް އެ އެއްޗިހީގައި ހުރީ ދަވާދާއި ތެރަސް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ ދޯނި ފަރަށް އެރިކަން ވެރިފަރާތަށާއި ކޯސްޓްގާޑަށް އެނގުނީ އޭގެ އެއްދުވަސް ފަހުން ކައްޕި ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓު ކުރުމުން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ. ބޯޓު ފަރަށް އެރި އިރު އޭގައި ދެ ބިދޭސީ އަކާއި ކައްޕިގެ އިތުރުން ދިވެއްސަކު ހުރި ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް