ޓްރެފިކް ޖޫރިމަނާ ނުދައްކައިފި ނަމަ ދައުވާ ކުރަން އިސްލާހު ހުށަހަޅައިފި

ޓްރެފިކް ޖޫރިމަނާތަކުގެ ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެެ ބާރު މޯލްޑިވްސް އިންލެންޑްރެވެނިއު އޮތޯރިޓީ (މީރާ) ދޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި ...

08 Feb 2020 | 10:09

ޓްރެފިކް ޖޫރިމަނާތަކުގެ ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެެ ބާރު މޯލްޑިވްސް އިންލެންޑްރެވެނިއު އޮތޯރިޓީ (މީރާ) ދޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

މި އިސްލާހުގައި ވާގޮތުން ޓްރެފިކް ޖޫރިމަނާ ނުދައްކައިފި ނަމަ އެ ފައިސާ ވާނީ ދައުލަތަށް އެމީހަކު ދައްކަން ޖެހޭ މަދަނީ ދަރަންޏަކެވެ. އެފައިސާ ދައުލަތަށް ހޯދުމަށް މީރާއަށް އެމީހާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރެވޭނެ އެވެ.

މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ޓްރެފިކް ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާ އާއި މެދު ހިތްހަމަ ނުޖެހޭނަމަ ޓްރާންސްޕޯޓު މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ނިޒާމެއް އެ މިނިސްޓްރީގައި ގާއިމް ކުރަން ވާނެ ކަމަށެވެ. ޖޫރިމަނާގެ އަދަދުތައް މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށްވުރެ ބާރަށް އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރު1000 ރުފިޔާއިން، ދެވަނަ ފަހަރު1500 ރުފިޔާއިން ޖޫރިމަނާ ކުރަން އިސްލާހު ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން ގަވައިދާ ހިލާފަށް ބާރަށް ދުއްވައިގެން ހުއްޓުވާ ކޮންމެ ފަހަރު2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެއްގަމު ދަތުރުފަތުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖެހުން މެކުހަށް ޖަހާފައިވާ ކަމަށް ބުނެ އާންމުގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ޓްރެފިކް ޖޫރިމަނާ ފައިސާ ނުދައްކައިގެން ދައުވާ ކުރުމުގެ ބާރު ނޯވެ އެވެ. އެކަމަކު އެ އުޅަނދަކާއި ގުޅޭ ހިދުމަތްތައް ފޯރުކޮށް ނުދިނުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް