ދިވެހިންނަށް ކޮމަންވެލްތް ސްކޮލާޝިޕަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމުން އެ ޖަމިއްޔާއިން ދޭ ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެހިގެން ދިޔައީ ކޮމަންވެލް...

08 Feb 2020 | 07:39

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމުން އެ ޖަމިއްޔާއިން ދޭ ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެހިގެން ދިޔައީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރައްވާ ކުރެއްވި މަޝްވަރާތަކުގައި އެވެ. މި ބައްދަލުވުން އޮތީ އިނގިރޭސިވިލާތުގައި ހުންނަ ކޮމަންވެލްތު އޮފީހުގައި ރާއްޖޭގެ ދިދަ އަލުން ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ.

ދިދަނެގުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އެވެ. ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް ކުރިމަތިލެވޭ ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ލިބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި، ރާއްޖޭގެ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް