ރައީސް ދެއްވި އުންމީދީ ރިޔާސީ ބަޔާނަށް އެމްޑީޕީން ޝުކުރު އަދާކުރައްވައިފި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެއްވ...

08 Feb 2019 | 11:21

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެއްވި ރިޔާސީ ބަޔާނަށް އެމްޑީޕީން މަރުހަބާ ކިޔައި ޝުކުރު ދަންނަވައިފިއެވެ.

އެމްޑީޕީން ނެރުއްވި ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހާމަކުރެއްވި ސިޔާސަތުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ދިޔަ ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމް.ޑީ.ޕީގެ ތަޞައްވަރާއި ސިޔާސަތުތަކާ އެއްގޮތަށް، މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށާއި، ފަރުދީ މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި ޢަޒުމު ހާމަވެގެން  ދިޔަ ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، “ނޫ އިޤްތިޞާދު” ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ރާއްޖެ ތަރައްޤީވެގެންދާނޭގޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވެއެވެ. ލާމަރުކަޒީކުރުމާއި، ފަރުދުންގެ އާމްދަނީގެ ޓެކްސް ތަޢާރަފުކުރުމާއި، ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ ޢަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވާ ކަމަށެވެ.

އަދި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ރާއްޖޭގައި ހިލޭކިޔެވޭނޭގޮތް ވުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތެއްގައި އަދާކޮށް ނިންމާގޮތަށް ފަސޭހަކަމާއެކު ލޯނު ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސިޔާސަތުތަކުގެ ސަބަބުން ކިޔަވާކުދިންނާއި ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް