ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ ހިދުމަތްތަކަށް އެދެން ކިއުގައި މަޑުކުރަން ނުޖެހޭނެ ކަމުގެ އުފާވެރި ހަބަރެވެ.
ބީއެމްއެލްއިން ކިއު ޖެހުމަށް ނިމުން ގެނުވާފައި މިވަނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ތެރެއިންނެވެ. ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ތެރެއިން މިހާރު ގިނަ ހިދުމަތްތަކަށް އެދެވެ އެވެ. ފަސޭހައިން ފިލް ކޮށްލެވޭ ފޯމްތަކެއްގެ އެހީތެރިކަމާއެކީގައި އެވެ.
ބީއެމްއެލްގެ "އަހަރެންގެ ބޭންކް – ދިވެހިންގެ ބޭންކް" މި ކެމްޕޭންގެ ދަށުން ގައުމީ ބޭންކުން މި ހިދުމަތް މިއަދު ދޫކޮށްލާފައިވާއިރު މިއަދު ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް އާ ހިދުމަތްތަކެއް ތައާރަފު ކުރުމާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ތަކެއް ގެނެސްދޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު އަދި ލުއި ލޯނު ފަދަ ހިދުމަތްތަކަށް އެޕްލައި ކުރުން ފަދަ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ. ގޭގައި ތިބެ މައުލޫމާތު ފުރިހަމަ ކޮށްލުމުން ހިދުމަތް ލިބޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިހާރުވެސް ޓްރާންސެކްޝަންތަކުގެ 90 އިންސައްތައަކީ އޮންލައިން ޓްރާންސެކްޝަންތައް ކަމަށާއި ބޭންކަށް އައިސް ހިދުމަތް ހޯދަނީ އެންމެ 10 އިންސައްތަ ކަމުގައިވާއިރު މިއަދު ތައާރަފް ކުރެވުނު މި ހިދުމަތާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް