ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަމުގައި ޑިފެންސސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނުސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިޢުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މަޢުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ ގޮތްގޮތަށް، މަޢުލޫމާތު ފަތުރަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.
"ވީމާ، ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމަށްޓަކައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ މަޢުލޫމާތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަޞޭޙަތްތެރިވެ އިންޒާރުދެމެވެ. އަދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގަމެވެ." ޑިފެންސް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާއާއި ސިފައިންގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ ދަށުން ދިވެހި އަސްކަރިއްޔާގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި ސިފައިން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށާއި ޤައުމަށް ކުރިމަތިވެފައިވާ މި ޚުތޫރަތްތެރި ދަނޑިވަޅުގައި ޤައުމިއްޔަތު އިސްކުރެއްވުމަށް ދިވެހި ލޮބުވެތި މުވާޠިނުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް