ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީން އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިފަހަރު ހައްޔަރުކޮށްފައިވަނީ 3 މީހުން ކަމަށެވެ. އަދި އެެމީހުން ހައްޔަރުކުރީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ކަމަށެވެ.
އިއްޔެ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށާއި މި އެންމެންނަކީވެސް ދިވެހިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރަން ސަލާމަތީ ބާރުތަކުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ފަހުން އެ އޮޕަރޭޝަން ނިންމާލިއިރު ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ފުލުހުން ވަނީ ނުވަ ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 34 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެކެވެ.
ފުލުހުން އިތުރަށް ބުނީ މި 3 މީހުންގެ ބަންދަށް ކޯޯޓުން މުއްދަތު ޖަހާދީފައިވާ ކަމަށާއި އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
ފުލުހުން ހިންގި އެއޮޕަރޭޝަނުގައި އެރަށުގެ ބައެއް ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން އެއްބަސްވުމުން އެ އާއިލާގައި ހިމެނޭ ތިން ކުޑަކުއްޖަކަށް ވެކްސިން ދީފައިވާ އިރު، ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ނަސޭހަތް ގަބޫލު ކޮށްފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ އެހީތެރިކަމާއި އެކު އެ ކުޑަ އަންހެން ކުއްޖާ މައިންބަފައިންގެ އަތުން ނެގުމަށްފަހު ބޮޑު ދައިތައަކަށް ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް