ނިއު ޔިއަރ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފަހުލަވާން ހޯދައިފި

ފ. ނިލަންދޫގައި ކުރިޔަށް ގެންދިޔަ ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގެ ޗެމްޕިއަންކަން ފަހުލަވާން ޓީމުން ހޯދައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެސްޖީސީއާއި ވާދަކޮށް...

08 Jan 2020 | 06:08

ފ. ނިލަންދޫގައި ކުރިޔަށް ގެންދިޔަ ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގެ ޗެމްޕިއަންކަން ފަހުލަވާން ޓީމުން ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެސްޖީސީއާއި ވާދަކޮށް 5 ލަނޑު 0 ލަނޑުންނެވެ.

ފައިނަލް މެޗު ފެށުނީއްސުރެ ފަހުލަވާނުން ރަނގަޅު ކުޅުމެއް ކުޅެމުން ދިޔަ ފަހުލަވާނުން ފުރަތަމަ ހާފުގެ ކުރީ ކޮޅުވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިގޯލް ކާމިޔާބު ކޮށްދިނީ ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައިވެސް ނިލަންދޫން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ ޢާދިލް ޢަލީއެވެ.

މުޅިމުބާރާތުގައިވެސް މޮޅުކުޅުމެއްދެއްކި އެސްޖީސީއަށް ފައިނަލް މެޗުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސާޖިދުއަށް އަނިޔާވެ ގިނަ ވަގުތު ދަނޑުންބޭރުގައި ހުންނަން ޖެހުމެވެ. އެކަމުގެ ފައިދާ ނަގާ ފަހުހާފުގައި ފަހުލަވާނުގެ ނަބީލުއާއި ފަޒާލް އަދި ޢާދިލްއާއި ޢާޞިމްބެ ޖެހި ގޯލްތަކުން ފަހުލަވާން ޗެމްޕިއަންކަން ޔަގީން ކުރިއެވެ.

ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީ އާއި މެޑަލް ޙަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ފ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލު އާއި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ނަބީލެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް އެސްޖީސީގެ ހުސައިން ރާއިފް ހޮވުނުއިރު ޓީމަށް ފައިދާހޯދަދިން ކޯޗަކަށް ހޮވުނީ ފަހުލަވާނުގެ މާޖިދުއެވެ. ފެއާރޕްލޭ ޓީމަކަށް ހޮވުނީ ވައިޕާރސް އެފްސީއެވެ.

މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އެސްޖީސީގެ ކީޕަރ ހުޒައިލް ޢަބްދުއްލަޠީފް އާއި ފަހުލަވާނުގެ އަޙުމަދު ފަޒާލްއާއި އެންވައިޖީގެ އަޙުމަދު ޢަލީ އާއި އެސްޖީސީގެ ސާޖިދު އަޙުމަދު އިބްރާހިމް އާއި ފަހުލަވާނުގެ ޢާދިލް ޢަލީއެވެ.

21 ގޯލް ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ ސާޖިދު އަޙުމަދު އިބްރާހިމްއެވެ. ރަނަރަޕް ޓީމަށް ފައިސާގެ ޢިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ކްލަސްޓަރ މެނޭޖަރ އަޙުމަދު ރައުޝާން އެވެ. ޗެމްޕިއަން ޓީމަށް ފައިސާގެ ޢިނާމާއި ރަންމެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ފ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލްއެވެ.

މިމުބާރާތަކީ ރަށްވެހި ގްރޫޕްގެ ނަމުގައި މީގެ 7 ވަރަކަށް މަސްދުވަސްކުރިން ނިލަންދޫގެ ޒުވާނުން ކޮޅެއް އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބާއި ގުޅިގެން ކުރިޔަށް ގެންދަން ފެށި ސިލްސިލާ މުބާރާތްތަކުގެ ތެރެއިން ބޭއްވުނު 3 ވަނަ މުބާރާތެވެ.

3 މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލެވިގެން ދިޔައީ ނިލަންދޫގެ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުއެވެ. ޚާއްޞަ ގޮތެއްގައި ބޭންކް އޮފް މޯލްޑިވްސްއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒުން ވަރަށްބޮޑު އެއްބާރުލުމެއްވަނީ ލިބިފައެވެ.

ރަށްވެހި ގްރޫޕުން ކުރިޔަށް ގެންދިޔަ 3 ވަނަ މުބާރާތް ނިމުމާއެކު ރަށްވެހި ގްރޫޕުންވަނީ 4 ވަނަ މުބާރާތްވެސް އިޢުލާނު ކޮށްފައެވެ. އަންނަ އަޟްޙާ ޢީދު ބަންދުގައި ބާއްވާ މުބާރާތް ފުރަތަމަ ބޭއްވި މުބާރާތަށްވުރެ ފައިސާގެ ރަނގަޅު އިނާމަކާއެކު ބާއްވާނެ ކަމަށްވަނީ އިޢުލާނުކޮށްފައެވެ.

ނިމިގެން ދިޔަ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް